ޚަބަރު

ފ.އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި


ފ.އަތޮޅު ހޮސްޕިޓަލުގައި ސަރުކާރުން އިމާރާތްކުރައްވާ ހަތަރު ބުރީގެ އިމާރާތުގެ ބިންގާ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރަހީމް އަޅުއްވައިދެއްވައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ނިލަންދޫގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިޔާތެއްގައެވެ.

މި އިމާރާތުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ ކިއު.އައި.މޯލްޑިވްސް އާއެެވެ. މިއިމާރާތް އެޅުމަށް ހަތް މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ފ.އަތޮޅު ހޮސްޕިޓަލުގައި ހަތަރު ބުރީގެ އިމާރާތެއް ކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވުމާއިއެކު، ޖާގައިގެ ދަތިކަން ކުރިމަތިވަމުންދާތީއާއި، އިތުރު ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.  

މި އިމާރާތުގެ މަސައްކަތް ކުރުމަށްހަމަޖެހިފައިވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ފ.އަތޮޅު ހޮސްޕިޓަލަކީ ތިންވަނަ ދަރައިޖައިގެ ހޮސްޕިޓަލެކެވެ. މިހާރު 24 ގަޑިއިރު ޚިދްމަތް ދެމުން އަންނަ މިހޮސްޕިޓަލުން، އަންހެނުންގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތްވެސް ލިބެއެވެ. އާއްމު އޮޕަރޭޝަންތަކާއި، އެކްސްރޭ، ސްކޭން އަދި ލެބޯޓްރީގެ ޚިދްމަތްވެސް ފ.އަތޮޅު ހޮސްޕިޓަލުންދެއްވައެވެ.