އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޤައުމުގެ ވެރިކަމާ ހަވާލުވެޑައިގެންނަވިތާ 100 ދުވަސް ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ މީޑިއަށް ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރިޔާސާތާ ދެކޮޅަށް ފާޑުކިއުންތައް އަމާޒުކުރަނީ ނޫސްވެރިކަމުގެ ދާއިރާއާ ގުޅުން ގެއްލިފައިވާ ނޫސްވެރިން ކަމަށާ އެއީ ދޮގު ޚަބަރުތަކެއް ކަމަށެވެ. ޓްރަމްޕްގެ ވެރިކަމަށް ސަތޭކަ ދުވަހުގެ އުސްއަލިތަކަށް ބަލައިލި ނަމަވެސް އެމެރިކާގެ ވޭތުވެދިޔަ ސަރުކާރުތަކާ ޓްރަމްޕްގެ ސަރުކާރާ ހުރި ތަފާތު ފެނިގެންދެއެވެ.
އެމެރިކާގެ ރައީސް ކަމަށް އެޤައުމުގެ ނަން މަޝްހޫރު ވިޔަފާރިވެރިޔާ ޑޮނަލްޑް ޓްރަމްޕް ކުރިމަތިލެއްވުމުން، ގިނަ ބައެއްގެ ހިތުގައި އުފެދިގެން ދިޔަ ސުވާލަކީ މީގެ ކުރިން ސިޔާސީ ދާއިރާގެ އެއްވެސް މަޤާމެއް ފުރުއްވާފައި ނުވާ ބޭފުޅަކަށް އެޤައުމުގެ އެންމެ މުހިއްމު ސިޔާސީ މަޤާމު ފުރުއްވޭނީ ކިހިނެއްތޯއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ޓްރަމްޕް ދެއްކެވި އެކި ވާހަކަތަކުގެ ސަބަބުން ޓްރަމްޕްގެ ސަރުކާރެއްގައި އިޖްތިމާޢީ މަސްއޫލިއްޔަތާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދާއިރާއިން އެމެރިކާ ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ޖެހިގެންދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުންދިޔައެވެ.
ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުވެފައިވަނީ ފަހަކަށް އައިސް އެމެރިކާގެ ވެރިކަމާ ހަވާލުވި އެންމެ ތަފާތު ސަރުކާރަށެވެ. އެއްގޮތަކުން ބަލާނަމަ އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އެއް ސަރުކާރަކީ ވެސް ޓްރަމްޕުގެ ސަރުކާރެވެ. ޖެނުއަރީ މަހު ޓްރަމްޕް ސަރުކާރާ ހަވާލުވިވަޑައިގެންނެވި ދުވަހު ވެސް އެމެރިކާގައި ޓްރަމްޕާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވެއެވެ. އަދި އޭގެ ފަހުން ވެސް ސަރުކާރުގެ އެކި ސިޔާސަތުތަކާ ނިންމުންތަކާ ދެކޮޅަށް އެމެރިކާގެ ވެރިރަށް ވޮޝިންޓަންގެ އިތުރުން އެޤައުމުގެ އެހެން ސަރަޙައްދުތަކުގައި ވެސް މުޒާހަރާތައް ކޮށްފައިވެއެވެ.
ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަންގެ އުސޫލުތަކަށް ގެންނަން މަސައްކަތް ކުރާ ބަދަލުތަކާ ތިމާވެށި ހިމާޔަތް ކުރުމުގެ ރޫޙާ ޚިލާފަށް އެކުލަވާލަމުންދާ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ގިނަ އެއްވުންތަކެއް ވަނީ ބާއްވާފައިވެއެވެ. ސަރުކާރަށް ސަތޭކަ ދުވަސް ފުރުން ފާހަގަ ކުރުމަށް ޓްރަމްޕް އެއްވުމެއް ބާއްވަވާފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ ޓްރަމްޕާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ބާއްވާފައިވެއެވެ.
ޓްރަމްޕްގެ ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިވެފައިވަނީ އިދިކޮޅު ފަރާތްތަކުން އެކަންޏެއް ނޫނެވެ. ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު އެތެރޭގެ ސިޔާސަތުގައި އެންމެ އިސްނަންގަވައިގެން ޓްރަމްޕް ކުރައްވަން ގަސްތުކުރެއްވި ކަމަކީ އެޤައުމުގެ ހެލްތް އިންޝޫރަންސް ސްކީމަށް ބަދަލު ގެންނެވުމެވެ. މި ސްކީމް މިހާރު އޮތް ގޮތަށް ޤާނޫނު ހަދާ މަޖިލީހުން ފާސް ކުރުމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން 'އޮބާމާކެޔަރ' ގެ ނަން މި ސްކީމަށް ދީފައިވާއިރު، މިއަށްވުރެ ފުޅާ އަދި ފައިދާ ހުރި ސިޔާސަތެއް ތަޢާރަފް ކުރައްވާނެކަން ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މިކަމާ ގުޅޭ ބިލް އަދި ވެސް އޮތީ ކޮންގްރެސްގެ ތަޅުމުގައެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުގެ އިސް މަޤާމުތަކަށް އައްޔަނު ކުރެއްވި މުހިއްމު ބައެއް ބޭފުޅުން މަޤާމުން އިސްތިޢުފާ ދެއްވުމާ އިސްތިޢުފާ ދޭން މަޖްބޫރުވުމަކީ ވެސް ސަތޭކަ ދުވަހުގެ ތެރޭގައި އެމެރިކާގެ ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކެވެ. މީގެ ތެރޭގައި ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް ރަޝިޔާގެ އެހީ ލިބުނު ކަމަށް ބުނެ ފެތުރުނު އަޑުތަކުގެ ސަބަބުން ޓްރަމްޕްގެ ސަރުކާރުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މައިކް ފްލިން މަޤާމުން އިސްތިޢުފާ ދެއްވަން މަޖުބޫރުވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުގެ އިސް ފަރާތްތަކުން މީޑިއާއާ މުޢާމަލާތް ކޮށްފައިވާ ގޮތުގެ ސަބަބުން އެބޭފުޅުންނަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.