ޚަބަރު

"ބޭރު ދުނިޔެއިން ދަނީ ރައީސްގެ މަސައްކަތްޕުޅު ބަލައިގަންނަމުން"


އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީއަކީ އެޤައުމުގެ އެންމެ މޮޅު ޔުނިވަރސިޓީތަކުގެ ރޭންކިންގގައި ތިން ވަނަ ޙާޞިލްކޮށްފައިވާ ޔުނިވަރސިޓީއެކެވެ. މިއީ އިންޑިއާގެ ޔުނިވަރސިޓީ ގްރޭންޓްސް ޔޫޖީސީއާ، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވާސިޓީސް އައިއޭޔޫ އަދި އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވަރސިޓީސް އޭސީޔޫއިން ޤަބޫލްކުރާ ޔުނިވަރސިޓީއެކެވެ. މިއީ އިންޑިއާގެ އެތެރޭގެ އެކި ރޮނގު ރޮނގުން ރަނގަޅު ޝަރަފްތަކެއް ހޯދާފައިވާ އެޤައުމުގެ އެންމެ ޓޮޕް ޔުނިވަރސިޓީތަކުގެ ގަދަ ހަތެއްގައި ހިމެނޭ ޔުނިވަރސިޓީއެއްވެސްމެއެވެ. އަދި އެންމެ މޮޅު ފަނަރަ ބިޒްނަސް ޔުނިވަރސިޓީތަކުގެ ރޭންކުގައި ހިމެނޭ މި ޔުނިވަރސިޓީއަކީ އިންޑިއާގެ އިންޖިނިއަރިންގ ސްކޫލްތަކުގެ ގަދަ ފަނަރަ ޔުނިވަރސިޓީތަކުގެ ތެރޭއާއި، އެންމެ ރަނގަޅު އިންފްރާސްޓްރަކްޗައާއި ޚިދުމަތުގެ ރޭންކިންގ 14 ވަނާގައިވެސް ހިމެނޭ ޔުނިވަރސިޓީއެކެވެ. 

img:http://s4.psmnews.mv/images/660x400/14829276200381.jpg|ރައީސް ޔާމީން ބްރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވަނީ / ރާއްޖެއަށް އިޤްތިޞާދީގޮތުން އަންނަމުންދާ ތަރައްޤީއަށް ބޭރުގެ ޤައުމުތަކުން ދަނީ ތައުރީފްކުރަމުން

ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، " ޑޮކްޓަރޭޓް އޮފް ލިޓަރޭޗަރ، އޮނަރިސް ކައުސާ" އެވޯޑް އެރުއްވުމަށް ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، ރައީސް ޔާމީނަށް އެ ޔުނިވަރސިޓީން އަރުވާ މި ޝަރަފަކީ، އެމަނިކުފާނު ރާއްޖެއަށް ގެންނަވާ ޢުމްރާނީ ތަރައްޤީއާއި، ދިވެހި ރައްޔިތުންނާއި ޤައުމުގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާއި، ރާއްޖޭގެ އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލުތައް ބަލައިގަނެ، އެކަމުގެ އަގު ވަޒަންކުރުމުގެގޮތުން އަރުވާ ޝަރަފެއްކަމަށެވެ. އަދި މިއީ އިސްލާމްދީނާއި ދިވެހި ޤައުމު ޙިމާޔަތްކުރެއްވުމަށާއި، ޤައުމަށް ހެޔޮ ބަދަލު ގެންނެވުމަށް، މިހާތަނަށް ރައީސް ޔާމީން ކޮށްދެއްވި ޢިޖްތިމާޢީ މަސައްކަތްތައް ދުނިޔޭގެ ބޮޑެތި ޖަމްޢިއްޔާތަކުންނާއި، ބޭރުގެ ޤައުމުތަކުން، ފާހަގަކުރަމުންދާކަން ދޭހަވާކަކަމެއްކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14755126096130.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން - ފައިލް ފޮޓޯ: ރައީސް އޮފީސް

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ސިޔާސީ އެއްވެސް ވާދަވެރިޔަކު ނެތްކަމަށާއި، އެމަނިކުފާނު ވާދަކުރައްވަނީ މުޖުތަމަޢުގެ މައްސަލަތަކާ ކަމަށް ވިދާޅުވި ވިދާޅުވުން މުޢާޒް ފާހަގަކުރެއްވިއެވެ. ރައީސް ޔާމީނަކީ ރާއްޖޭގެ ތާރިޚުގައި މިހާތަނަށް، އެކި ރޮނގު ރޮނގުން އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވި ރައީސްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.