ޚަބަރު

ޕާކިސްތާނުން ރާއްޖޭގެ ސްކޫލްތަކަށް ލެޕްޓޮޕް ހަދިޔާ ކޮށްފި


ޕާކިސްތާން އެމްބަސީން ރާއްޖޭގެ ސްކޫލްތަކަށް ލެޕްޓޮޕް ހަދިޔާކޮށްފިއެވެ. 

މި ލެޕްޓޮޕްތަކަކީ ޕަކިސްތާންގެ ފުރަތަމަ ގަވަރނަރ ޖެނެރަލް މުޙައްމަދު ޢަލި ޖިނާޙް ގެ ނަމުން ނަންދެވިފައިވާ " ޖިނާޙް ލެޕްޓޮޕް ސްކީމް" ގެ ދަށުން ހަދިޔާ ކުރި ލެޕްޓޮޕްތަކެކެވެ. " ޖިނާޙް ލެޕްޓޮޕް" ސްކީމްގެ ދަށުން ފަނަރަ ލެޕްޓޮޕް ވަނީ ހަދިޔާކޮށްފައެވެ. 

މި ލެޕްޓޮޕްތައް ހަދިޔާކޮށްފައިވަނީ މާލޭގެ ހުރިހާ ސަރުކާރު ސްކޫލްތަކާއި އައްޑޫ ހައި ސްކޫލަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިލެޕްޓޮޕްތަކަކީ އެސްކޫލަކުން އެ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ މަޤާމް ހޯދާ ދަރިވަރަށް ދިނުމަށް ހަމަޖެހިފައިވާ ލެޕްޓޮޕްތަކެއްކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީންވިދާޅުވެއެވެ. 

މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި، މިލެޕްޓޮޕްތައް ހަވަލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު ވައިސް އެޑްމިރަލް ރިޓަޔަރޑް ސަޢީދް ޚަވަރް އަލީ ޝާހެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ލެޕްޓޮޕްތަކާ ޙަވާލުވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖެއާ ޕާކިސްތާނާ ދެމެދުއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން އިތުރު މަސައްކަތްތައް ކުރައްވާނެކަމަށެވެ.