ކުޅިވަރު

ބަޔާން ވިދިވިދިގެން ފަސްވަނަފަހަރަށް ލީގު ތަށި ޔަޤީންކޮށްފި


ފަސޭޙަކަމާއެކު ވޮލްސްބާރގްގެ މައްޗަށް ކުރި ހޯދާ ލީގުގައި ބާކީ 3 މެޗު ވަނިކޮށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން 5ވަނަ ފަހަރަށް ބަޔާން މިޔުނިކުން ހޯދައިފިއެވެ.

ޖަރުމަން ބުންޑަސްލީގުގައި ރޭ ވޮލްސްބާރގްގެ ދަނޑުގައި ކުޅުނު މެޗު ބަޔާން ކާމިޔާބުކުރީ ފަސޭޙަކަމާއެކު 6 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ބަޔާން މިޔުނިކުން ޖެހި 6 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔަބުކޮށްދިނީ ރޮބަޓް ލެވަންޑޮސްކީއެވެ. އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޮޝުއާ ކިމިކްއާ، ތޯމަސް މުލާރއާ އާރްޔެން ރޮބެން އަދި ޑޭވިޑް އަލަބާއެވެ. މެޗްގެ 2ވަނަ ހާފްގައި ވޮލްސްބާރގްގެ ލުއިސް ގުސްޓާވޯއަށް ވަނީ 2ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި މެޗުން ބަލިވެ ވޮލްސްބާރގް ރެލިގޭޝަން ވެދާނެކަމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާއިރު ޖަރުމަން ލީގު އުފުލާލުމާ ގުޅިގެން ބަޔާންމިޔުނިކްގެ ކޯޗް ކާލޯ ކާލޯ އެންޗެލޮޓީ ވެގެން ގޮސްފައިވަނީ ބޮޑު 4 ލީގެއްގެ ލީގު ތަށި އުފުލާލި ފުރަތަމަ ކޯޗަށްވެފައެވެ. އެންޗެލޮޓީ ވަނީ މީގެ ކުރިން އޭސީ މިލާންއާއެކު އިޓާލިއަން ލީގު، ޗެލްސީއާއެކު ޕްރިމިއަރ ލީގު އަދި ޕީއެސްޖީއާއެކު ފްރާންސް ލީގު އުފުލާލާފައެވެ. ލީގު އުފުލާލުމަށްފަހު އެންޗެލޮޓީ ބުނީ ލީގު ލިބިގެން މި ދިޔައީ މޮޅެތި ކުޅުންތެރިންތަކެއް އޭނާއަށް ލިބިފައި އޮތުމުން ކަމަށާ މި ކާމިޔާބީއާއެކު ފަޚްރުވެރިވާކަމަށެވެ. މިއީ ޖަރުމަން ލީގުގެ ތަށި ބަޔާން މިޔުނިކުން އުފުލާލި 27 ވަނަ ފަހަރެވެ. ބަޔާން މިޔުނިކަށް ލީގު ކަށަވަރުވިއިރު އެ ޓީމު ލީގް ތާވަލްގެ އެއްވަނާގައި އޮތީ 73 ޕޮއިންޓާއެކުއެވެ. 10 ޕޮއިންޓް މަދުން ލިބިގެން ތާވަލްގެ ދެވަނާގައި 63 ޕޮއިންޓާއެކު އޮތީ މި ސީޒަންގައި އަލަށް ޖަރުމަން ލީގަށް ޕްރޮމޯޓްވި ލެއިޕްޒިގްއެވެ.