އިނގިރޭސި ޕްރިމިއަރ ލީގުގުން މިސީޒަންގައި ރެލިގޭޓްވި ފުރަތަމަ ޓީމަށް ސަންޑަލޭންޑް ވެއްޖެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ވޭތުވެދިޔަ 10 ސީޒަންގައި ކުޅުނު ސަންޑަލޭންޑް ޕްރިމިއަރ ލީގުން ރެލިގޭޓްވެ މިއަންނަ ސީޒަން އިނގިރޭސި ޗެމްޕިއަންޝިޕްގައި ކުޅެން ޖެހޭނެކަން ޔަގީންވީ ރޭ ކުޅުނު މެޗުން ބަލިވުމާ ގުޅިގެންނެވެ. ރޭ ބޯންމައުތް އާއި ބައްދަލުކުރި މިމެޗުން ސަންޑަލޭންޑް ބަލިވީ އެކެއް ސުމަކުންނެވެ. މިމެޗުގައި ސަންޑަލޭންޑް ރެލިގޭޓްކޮށްލި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ބޯންމައުތަށް ކާމިޔާބުކޮށްދިނީ ޖޮޝުއާ ކިންގްއެވެ.
ވޭތުވެދިޔަ ފަސް ސީޒަންގައިވެސް ރެލިގޭޝަނާއި ތަޅާފޮޅަމުންދިޔަ ސަންޑަލޭންޑް ރެލިގޭޓްވުމާއެކު އެޓީމް ވެގެން ގޮސްފައި މިވަނީ ޕްރިމިއަރ ލީގު އުފެދުނު ފަހުން އެންމެ ގިނަ ފަހަރު ރެލިގޭޓް ވި ޓީމަށެވެ.
ސަންޑަލޭންޑްގެ ކޯޗު ޑޭވިޑް މޮޔޭސް ޓީމް ރެލިގޭޓް ވުމުން ބުނީ މިއީ އޭނާ ދެކެން ބޭނުންވި ދުވަހެއް ނޫންކަމަށެވެ. އަދި ލީގުގެ އެންމެ ފުލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނު ނަމަވެސް އުއްމީދު ދޫކޮށްލާފައި ނުވާނެ ކަމަށް މޮޔެސް ބުންޏެވެ.
މޮޔޭސް ބުނީ އޭނާއަކީ މިލެވަލްގައި ތަޖްރިބާހުރި ކޯޗެއް ކަމަށާއި ޕްރިމިއަރ ލީގު ޓީމުތަކުގައި ހުންނަންޖެހޭނެ ފެންވަރާ ސްކޮޑްތަކުގެ ފެންވަރުވެސް ރަނގަޅަށް އެނގޭކަމުގައެވެ. އަދި ސަންޑަލޭންޑް ޓީމުގައި ޕްރިމިއަރ ލީގުގައި ދެމިއޮތުމަށް ބޭނުންވާ ވަރުގެ ކުޅުންތެރިންނާ ސްކޮޑެއް ނެތްކަމަށް އޭނާ ތަކުރާރުކޮށް މިސީޒަންގައި ބުނަމުން އައިސްފައިވާނޭ ކަމަށް މޮޔެސް ބުންޏެވެ.