ކުޅިވަރު

ރެއާލް އާއި ބާސެލޯނާ މޮޅުވެ, ދެޓީމް އެއްވަރެއްގައި


ސްޕެއިޝް ލަލީގާއަށް ވާދަކުރަމުންދާ ބޮޑު ދެޓީމްވެސް ރޭ ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.

ރޭ ބާސެލޯނާ އާއި އެސްޕެންޔޯލް ބައްދަލުކުރި މެޗު ބާސެލޯނާ ކާމިޔާބުކުރީ 3-0 ންނެވެ. މިމެޗުގައި ބާސެލޯނާއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ. އަދި ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗްއެވެ.

އަނެއްކޮޅުން ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑް ވަނީ ލީގު ޗެމްޕިއަންކަން ހޯދުމާ ފަސް މެޗަށް ކައިރިއަށް ޖެހިލަފައެވެ.

ލީގުގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ރޭ ބައްދަލުކުރި މެޗު ރެއާލް ކާމިޔާބުކުރީ 2-1 ންނެވެ. މިމެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ވެލެންސިއާގެ ޑެނިއެލް ޕަރޭހޯ ވަނީ ލިބުނު ހިލޭޖެހުމަކުން މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައިއެވެ. ރެއާލްއަށް މިމެޗުން ތިން ޕޮއިންޓް ހޯދައިދީ ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލޮޅުން އެރިއަނުދީ ދަމަހައްޓައިދިނީ އޭގެ ހަތަރު މިނެޓު ފަހުން މާސެލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލީގުގައި ރެއާލްއަށް ބާކީއޮތް ފަސް މެޗު ކާމިޔާބުކޮށްގެން އެޓީމަށް ލަލީގާ ޔަގީން ކުރެވެން އޮތްއިރު، މީގެން އެންމެ މެޗަކުން ބަލިވިނަމަވެސް ބާސެލޯނާއަށް އެޓީމު ދެން ކުޅެން އޮތް ހަތަރު މެޗު ކާމިޔާބުކޮށްގެން ލީގު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރެއާލް އާއި ބާސެލޯނާ ކުޅުނު މެޗުތައް މިދެޓީމް ކާމިޔާބުކުރި އިރު އެތްލެޓިކޯ މެޑްރިޑްވެސް ވަނީ ރޭ އެޓީމް ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ

 ލަސް ޕަލްމާސް އާއި ބައްދަލުކުރި މިމެޗު އެތްލެޓިކޯ މެޑްރިޑް ކާމިޔާބުކުރީ ފަހެއް ސުމަކުންނެވެ.

އެތްލެޓިކޯ މިހާރު އޮތީ ލަލީގާގެ ތިން ވަނާގައި، ރެއާލް އާއި ބާސެލޯނާއަށްވުރެ ދިހަ ޕޮއިންޓް ފަހަތުގައެވެ.