މުނިފޫހިފިލުވުން

އައިޑަލް ސީޒަން 2 : ގަދަ 3 އަކީ - ޙަމޫދު, ތަސްނީމް, ޝަމްވީލް!


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ގަދަ 3 ބައިވެރިން އިޢުލާންކޮށްފިއެވެ. 

ގްރޭންޑް ފިނާލޭއަށް ދިޔަ ގަދަ 3 ތިން ބައިވެރިން އިޢުލާންކޮށްފައި ވަނީ މިރޭ ބޭއްވި އެލިމިނޭޝަން ނައިޓުގައެވެ. މިރޭގެ ޝޯވއިން ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ގަދަ 3 ބައިވެރިންނަކީ: ޙަމޫދު އަޙްމަދު, މުޙައްމަދު ތަސްނީމް , ޝަމްވީލް މުޙައްމަދެވެ.

ގާލާ ރައުންޑުގެ އެންމެ ފަހު ޝޯވގައި ވާދަކުރި 5 ބައިވެރިންގެ ތެރެއިން ގަދަ ތިނަކުން ޖާގައެއް ނުލިބި، އައިޑަލްގެ ޝޯވއާއި ވަކިވި 2 ބައިވެރިންނަކީ ,ޢިބްރާހީމް ވަޙީދު , ޢަބްދުﷲ ހިޝާނެވެ. 

img:http://s4.psmnews.mv/images/660x400/14934937476536.jpg|މިރޭ އައިޑަލްއާ ވަކިވި، ހިޝާންއާއި ، ވަޙީދު

ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ބައިވެރިންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖަޖުންގެ %50 މާކްސްއާއި ބެލުންތެރިން %50 ވޯޓާއެކު، އެންމެ ގިނަ ޕޮއިންޓް ލިބުނު 3 ބައިވެރިންނެވެ. 

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 8 ވަނަ ޝޯވ ރޭ ޓީ.ވީ.އެމުން ގެނެސްދީފައިވާއިރު، ރޭގެ ޝޯވގެ ތީމް ލޯބީގެ ލަވަތަކާއި، ހަނދާނުން އެންމެ ފުހެލަން އުނދަގޫ ލަވަތަކަށް ޙާއްސަކޮށްފައިވާއިރު، މި 2 ތީމާއި ގުޅޭ ހިތްގައިމު ރީތި ލަވަތަކެއް ރޭގެ ޝޯވގައިވެސް ވަނީ ފެނިފައެވެ. 

އައިޑަލްގެ އެހެން އެލިމިނޭޝަން ނައިޓްތަކާއި ޚިލާފަށް މިރޭގެ އެލިމިނޭޝަން ނައިޓް ތާތުވެފައި، ޙާއްސައެވެ. ސަބަބަކީ މިރޭގެ ޝޯވގައި ބައިވެރިން ޑުއެޓްކޮށް ލަވަ ހުށައަޅާދީފައިވަނީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ލަވަކިޔުންތެރިންގެ ތެރެއިން ކޮންމެ ބައިވެރިއަކަށްވެސް އެންމެ ކަމުދާ އަންހެން ބައިވެރިއަކާއެކުއެވެ. 

އެގޮތުން މިރޭގެ ޝޯވގައި ޝަމްވީލު މުޙައްމަދު ލަވަ ހުށައަޅާދީފައިވަނީ އައިޝަތު މާއިން ރަޝީދާއެކުއެވެ. ބަތޫލް އަޙްމަދާއެކު އިބްރާހީމް ވަހީދު ލަވަ ހުށައަޅައިދިންއިރު، ޢަބްދުﷲ ހިޝާނާއެކު މިރޭގެ ޝޯވއިން ފެނިގެންދިޔައީ އަންދަލާ ޙަލީމެވެ. މުޙައްމަދު ތަސްނީމް ލަވަ ހުށައަޅާދީފައިވަނީ ނިޝް ނާޝިދާއެކުއެވެ. އަދި ހަމޫދު އަޙްމަދު ލަވަ ހުށައަޅާދީފައިވަނީ ރާފިޔަތު ރަމީޒާއެކުއެވެ.

މިރޭގެ ޝޯވގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މިދިޔަ ސީޒަންގައިވެސް ބެލުންތެރިންގެ ހިތްތަކާއި ކުޅެލި، ޒުވާން ލަވަކިޔުންތެރިޔާ ޑރ. އަޙްމަދު ޝަމްރާޙެވެ. މީގެ އިތުރުން މިރޭގެ ޝޯވގައި އައިޑަލް ސީޒަން ދޭއްގެ ގަދަ 5 ބައިވެރިންނަށް ޝޯވގެ ޓައިޓަލް ސްޕޮންސަރ ދިރާގުގެ ފަރާތުން ވަނީ ޚާއްސަ ހަދިޔާއެއް ދީފައެވެ.

މިރޭގެ އެލިމިނޭޝަން ނައިޓާއެކު ގާލާ ރައުންޑުގެ ޝޯވތައް މިހާރު ނިމިފައިވާއިރު، ދެން ކުރިއަށް އޮންނާނީ ގަދަ 3 ބައިވެރިންނާއެކު ބާއްވާ ގްރޭންޑް ފިނާލޭއެވެ. 

މޯލްޑިވިއަން އައިޑަލް ސީޒަން2 ގެ ގްރޭންޑް ފިނާލޭ އޮންނާނީ މެއި މަހުގެ 12 ވާ ހުކުރުދުވަހުގެރެއެވެ. ނަތީޖާ ފާޅުކުރުން އޮންނާނީ 13 ވާ ހޮނިހިރުދުވަހުގެރެއެވެ.