ދުނިޔެ

އިސްރާއީލުން ހުޅަނގު އައްސޭރީގައި އިތުރު 15،000 ގެ އަޅަނީ!


އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށްޓަކައި އިތުރު ގެތަކެއް އެޅުމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ނިންމައިފިއެވެ.

އިސްރާއީލުގެ ހައުސިންގް މިނިސްޓްރީން ބުނީ ހުޅަނގު އައްސޭރީގެ އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށްޓަކައި އިތުރު 15،000 ހައުސިންގް ޔުނިޓް ބިނާކުރުމަށް ނިންމާފައިވާ ވާކަމަށެވެ.

1967 ވަނަ އަހަރު ހިނގި ޢަރަބި އިސްރާއީލު ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި މިހާރުވެސް މިލިޔަނަކަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވާފައިވެއެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ބިންތަކަކަށްވާތީ އެބިންތަކުގެ އާބާދީއަށް ބަދަލުއަންނަ އެއްވެސް ކަމެއް ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

ނަމަވެސް 1975 އިން ފެށިގެން އިސްރާއީލުން ގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔަހޫދީން ގެނެސް އެބިންތަކުގައި ވަޒަންވެރި ކުރުވަމުންނެވެ.

އދ.ންވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން ފޭބުމަށާއި ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް ހުއްޓާލުމަށް ތަކުރާރުކޮށް އިސްރާއީލަށް ގޮވާލާފައެވެ.

ނަމަވެސް އެމެރިކާގެ ޙިމާޔަތާއި އެހީތެރިކަމާއެކު އިސްރާއީލު ގެންދަނީ އދ.ގެ ޤާރާރުތަކަށް ގޮންޖަހާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ފައިހަރުކޮށް އެބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ.

އިސްރާއީލު ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރާ ހުރިހާ ޤަރާރުތަކެއް އެމެރިކާއިންވަނީ ވީޓޯގެ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފަ.

ހުޅަނގު އައްސޭރިއަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް އޮތްބިންކަމަށްވާއިރު އެސަރަޙައްދުގެ އަށާރަ އިންސައްތަ ބިމުގައި އިސްރާއީލުން މިހާރުވެސްވަނީ ޔަހޫދީން އާބާދީތަކާއި އަވަށްތައް ބިނާކޮށް މިލިއަނެއްހާ ޔަހޫދީން ވަޒަންވެރިކޮށްފައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގައި އިސްރާއީލުގެ ބޭނުމަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފައްދާނެ ބިންކޮޅެއް އޮތުމުގެ ފުރްސަތު ނުދިނުމެވެ.

އަދި 1948 ވަނަ އަހަރު ފަލަސްތީނުގެ ތާރީޚީ ބިމަށް އިސްރާއީލު ވެރިވެގަތުމާ ގުޅިގެން ޤައުމުން ބޭރުކޮށްލެވުނު ފަލަސްޠީނުގެ ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް އައުމުގެ ފުރްސަތުވެސް ނުދިނުމަށް އިސްރާއީލުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުންވަނީ ފަލަސްޠީނާ އިސްރާއީލުގެ ޞުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.

އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށްޓަކައި އިތުރު 15،000 ހައުސިންގް ޔުނިޓް ބިނާކުރުމަށް އިސްރާއީލުން ނިންމުމާ ގުޅިގެން ފަލަސްޠީނުގެ އިސްވެރިއެއްކަމަށްވާ ޞާއިބު ޢުރައިގާތު ވިދާޅުވީ މިއީ ޞުލްހައިގެ ވާހަކަތައް ފެށުނަ ނުދިނުމަށާ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފައްދާނެ ބިންކޮޅެއް ނުބޭއްވުމުގެ މަކަރުވެރި ރޭވުމުގެ ދަށުން އިސްރާއީލުން ކުރިޔަށްގެންދާ އިސްތިޢުމާރީ ރޭވުމެއް ކަމަށެވެ.

މިޕްލޭން ހުއްޓުވޭނީ ދުނިޔޭގެ ބޮޑެތި ބާރުތައް ގުޅިގެން އިސްރާއީލު މައިތިރިކޮށްގެން ކަމަށްވެސް ޢުރައިގާތު ވިދާޅުވިއެވެ.