ތަރައްްޤީ

"މާލެއަށް ދިމާވި ދަތިތައް ހައްލުކުރެވުމަކީ ލިބުނު ކާމިޔާބީއެއް"


މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކެއް މިއަދު ހައްލުކޮށްދެވިފައިވުމަކީ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސިފަކުރައްވައިފިއެވެ.

ޕީ.ޕީ.އެމުން ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި މަގުތަކުގައި ފެންބޮޑުވުންފަދަ މައްސަލަތައް ހައްލުނުކުރެވި ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައީ، އެކަން ކުރަން ތިބި ފަރާތްތަކުގެ އިހްމާލުގެ ސަބަބުން ކަމަށެވެ. އަދި މީގެ ސަބަބުން ދިގު މުއްދަތެއް ވަންދެން ރައްޔިތުން ތަކުލީފުތައް އުފުލަމުން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި، އެކަމަށް ބަޖެޓް ކަނޑައަޅާފައިވާ އިދާރާތަކަށް އެކަންކަން ހައްލުނުކުރެވި ދިގުލައިގެން ދިޔަކަމަށާ، އެހެންނަމަވެސް މި ސަރުކާރުން އެ މައްސަލަތައް ޙައްލުކުރުމަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި މަސައްކަތުން މިއަދު އެ ދަތިތައް ޙައްލުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަތައް ހައްލު ކުރައްވާފައިވަނީ މާލެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބޭނެފަދަ ގޮތަކަށް ޕްލޭންތަކެއް ކުރައްވައިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެއްވުމުގައި ބައްލަވަނީ ވަކި ރަށަކަށް ނޫން ކަމަށާ، މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންމެހާ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.