ޚަބަރު

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަށް ފުލުހުން ތައްޔާރުވެއްޖެ


އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެވަޑައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެެއެވެ. 

އިންތިޚާބަށް ތައްޔާރުވެވަޑައިގަތުމަށް ފުލުހުން ކުރިއަށް ގެންދަވާ ޚާއްޞަ އޮޕަރޭޝަންގެ މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމަށް ފުލުހުން ކުރައްވަން ޖެހިވަޑައިގަންނަވާ ތައްޔާރީތައް ކުރެވިފައިވާކަމަށެވެ. އަދި އިންތިޚާބާ ގުޅިގެން އަތޮޅުތަކަށް ފޮނުއްވާ ފުލުހުންގެ ޓީމްތައް މިމަހުގެ 30 ވަނަ ދުވަހު ފުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައެވެ. 

އަތޮޅުތަކަށް މާލެއިން ފޮނުއްވާ ފުލުހުންނަކީ އެއަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނާ ގުޅިގެން އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓަން ޙަރަކާތްތެރިވާނެ ބައެކެވެ. އަދި ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ގުޅިގެން ރަށުތެރެ ޕެޓްރޯލްކޮށް ރަށުތެރެ އަމާންކުރުމަށް މަސައްކަތްތަކެއްވެސް މި ފޮނުއްވާ ފުލުހުން ބޭނުންކުރައްވައިގެން ކުރައްވާނެކަމަށް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގައި ބާއްވަވާ ބޮޑު އަދި އެންމެ ގިނަ ކެންޑިޑޭޓޫން ޙަރަކާތްތެރިވާ އިންތީޚާބަށްވާއިރު އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.