ދީން

މައްކާއަށް ދިޔަ އިމާމުންގެ ފުރަތަމަ ބެޗް، ތަމްރީން ފުރިހަމަކޮށްފި


އިމާމުންނާއި ޚަތީބުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން، ސަޢޫދީ ޢަރަބިއްޔާއަށް ދިޔަ ދިވެހި އިމާމުންގެ ފުރަތަމަ ބެޗު ތަމްރީން ފުރިހަމަކުރުމަށްފަހު އެނބުރި މާލެ އަތުވެއްޖެއެވެ.

އިމާމުންނާއި ޚަތީބުންގެ ހުނަރާ ޤާބިލިއްޔަތުކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ފަށްޓަވާފައިވާ ޕްރޮގްރާމްގެ ދަށުން، އެގާރަ އިމާމަކު ވަނީ ސަޢޫދީ ޢަރަބިއްޔާގައި ތަމްރީން ފުރިހަމަކޮށްފައެވެ. ތަމްރީން ޕްރޮގްރާމަށް އިމާމުން ފުރީ، މިމަހުގެ ދިހަވަނަ ދުވަހުއެވެ. ސަޢުދީގެ ތަމްރީނު ޕްރޮގްރާމްގައި، އިމާމުންގެ ސްލޫކީ އަޚްލާޤް ބަހައްޓަންވީ ގޮތާއި، ރަނގަޅަށް ޤުރުއާން ފަހުމުކޮށް ދެނެގަންނާނެ ގޮތްތަކާ ގުޅޭ ތަމްރީނާއި ހުނަރު ދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމާއި، ކަށުކަމާކެމީގެ ކަންތައްތަކާ ގުޅޭ ތަމްރީނު މި ޕްރޮގްރާމްގައި ދެއްވާފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. މައްކާގައި ހުންނަ އުއްމުލްޤުރާ ޔުނިވަރސިޓީގައި ހިންގެވި މި ޕްރޮގްރާމްގައި، އިސްލާމީ ދަޢުވަތާ ގުޅުން ހުރި މުހިންމު ތަންތަނަށް ބައިވެރިން ޒިޔާރާތްކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް ހިންގަވާ ޕްރޮގްރާމްގެ ދަށުން 50 އިމާމުން ރާއްޖެއިން ބޭރުން ތަމްރީނުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.