ޚަބަރު

ސިވިލް ސަރވިސް މުވައްޒަފުންނަށް ތަޢުލީމީ ލޯނު ސްކީމެއް!


ސިވިލް ސަރވަންޓުންގެ ތެރެއިން މަތީ ތަޢުލީމު ޙާޞިލް ކުރަން ބޭނުންވާ މުވައްޒަފުންނަށް ޚާއްޞަ ލޯނު ސްކީމެއް ތަޢާރަފްކޮށް، ސިވިލް ސާރވިސް ކޮމިޝަނާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މަތީ ތަޢުލީމް ޙާސިލް ކުރަން ބޭނުންވާ ހުރިހާ މުވައްޒަފުންނަށްވެސް މި ލޯން ސްކީމް، ހަމަޖެހޭނެކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ވިދާޅުވެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސައުވީސް ހާސް ފަސްސަތޭކަ ސޯޅަ މުވައްޒަފުން މަސައްކަތް ކުރަމުންގެންދެއެވެ. އެއީ ތޭރަހާސް ހަތްސަތޭކަ ފަސް އަންހެން މުވައްޒަފުންނާއި ދިހަ ހާސް އަށްސަތޭކަ އެގާރަ ފިރިހެން މުވައްޒަފުންނެވެ.

ސިވިލް ސަރވަންޓުންގެ ތެރެއިން މަތީ ތަޢުލީމު ޙާޞިލް ކުރަން ބޭނުންވާ މުވައްޒަފުންނަށް ޚާއްޞަ ލޯނުސްކީމެއް ތަޢާރްފްކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ސިވިލް ސާރވިސް ކޮމިޝަންގެ ފަރާތުން އެކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމްއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކުގެ މެނޭޖިންގ ޑިރެކްޓަރ ހާރިޘް ހާރޫންއެވެ.

މި އެއްބސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ވަނީ، މި އެއްބަސްވުމަކީ ސިވިލް ސާރވަންޓުން ތަމްރީން ކުރުމަށް ލިބުނު ވަރަށްބޮޑު ފުރުޞަތެއްކަން ފާހަގަކުރައްވައި، މި ފުރުސަތުގެ ބޭނުން ވީހާވެސް ގިނަ މުވައްޒަފުން ހިފުމަށް ގޮވާލެއްވިއެވެ. ޑރ. ޢަލީ ޝަމީމް ވިދާޅުވީ، މި އެއްބަސްވުމުން ރާއްޖޭގެ ކޮލެޖް، ޔުނިވާސިޓީތަކުގައި މަތީ ތަޢުލީމް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެކަމަށެވެ.

މިކަމުގެ ސަބަބުން ސިވިލް ސާރވިސްގެ މުވައްޒަފުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަކީ، ފެންވަރު ރަނގަޅު ޒަމާނީ ޚިދުމަތަކަށް ވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑރ.ޝަމީމް ވިދާޅުވީ، މަހެއްހާ ދުވަހުގެ ތެރޭގައި ޔޫއޭއީގެ ފެޑެރަލް އޮތޯރިޓީ ހިއުމަން ރިސޯސް އަދި ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އޮފް ޕާކިސްތާނާއެކު ސިވިލް ސާރވިސްގެ މުވައްޒަފުން ތަމްރީން ކުރުމާއި ހުނަރު ހިއްސާކުރުމާއި އިންޓަރންޝިޕްގެ ފުރުޞަތު ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ ހާރިޘް ހާރޫން ވިދާޅުވީ، މިއީ މުވައްޒަފުންނަށް ތަޢުލީމްގެ ފުރުޞަތު ދިނުމަށް އިސްލާމިކް ޝަރީޢާ ހުއްދަ ކުރާގޮތަށް ދެއްވާ ލޯނެއްކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސިވިލް ސާރވަންޓުން ހަދާ ކޯސްތަކުގެ އަގަކީ، ގިނަވެގެން ދެލައްކަ ފަންސާސް ހާސް ރުފިޔާ އަދި މަދުވެގެން ތިރީސް ހާސް ރުފިޔާގެ ކޯހަކަށްވާންޖެހެއެވެ. އަދި ކޯހަށް މަހަކު ދައްކަންޖެހޭ ޢަދަދު ސިވިލް ސާރވަންޓުގެ މޫސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑުނޫން ޢަދަދަކަށް ވާންޖެހެއެވެ.