ކުޅިވަރު

ބަޔާން ކަޓުވާލާ، ޑޯޓްމަންޑް ޖަރމަންކަޕް ފައިނަލަށް


ފަހަތުން އަރާ ބަޔާން މިޔުނިކް ބަލިކޮށް، ޖަރުމަން ކަޕްގެ ފައިނަލުން ބޮރޫޝިއާ ޑޯޓްމުންޑް ޖާގަ ހޯދައިފިއެވެ.

ޖަރުމަންގެ ބޮޑު ދެޓީމްގެ ކުރިމަތިލުން ޑޯޓްމުންޑް ކާމިޔާބުކުރީ 3-2 ންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޑޯޓްމަންޑެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާކޯ ރޮއިސްއެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާން މިޔުނިކުން ވަނީ ދެ ލަނޑު ޖަހާ ލީޑް ނަގާފައެވެ. މި ދެ ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ އެޓީމްގެ އެންމެ ފަހަތަށް ކުޅެމުންދިޔަ ދެ ކުޅުންތެރިންކަމުގައިވާ ހަވިއޭ މާޓިނޭޒް އާއި ޑޯޓްމަންޑްގެ ކުރީގެ ކެޕްޓަން މަޓް ހަމެލްސްއެވެ.

ދެވަނަ ހާފްގައި ޑޯޓްމަންޑަށް ނަތީޖާ ހަމަ ހަމަކޮށްދިނީ ފޯވާޑް ޕިއޭއެމަރިކް އައުބަމަޔެންގްއެވެ. އަދި ބަޔާން މުބާރާތުން ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލަށް ޑޯޓްމަންޑް ޖެހި ޖެހިގެން ހަތަރު ވަނަ ފަހަރަށް ގެންގޮސްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން މިޑްފިލްޑަރ އުސްމާން ޑެމްބޭލޭއެވެ.

ރޭގެ މޮޅާއެކު ޑޯޓްމަންޑް ވެގެން ގޮސްފައިމިވަނީ މިމުބާރާތުގެ ފައިނަލުން ޖެހި ޖެހިގެން ހަތަރުވަނަ ފަހަރަށް ޖާގަ ހޯދި ފުރަތަމަ ޓީމަށެވެ. މިމުބާރާތުގެ ފައިނަލްގައި ޑޯޓްމަންޑް އެންމެ ފަހުން ކުޅުނު ތިން ފަހަރުވެސް ވަނީ ބަލިވެފައެވެ.

މިފަހަރުގެ ފައިނަލްގައި ޑޯޓްމަންޑް ބައްދަލުކުރަން ޖެހޭނީ ފުރަތަމަ ސެމީފައިނަލްގައި ބޮރޫޝިއާ މޮންޝޮންގްލެޙްބަ ބަލިކޮށް، ފައިނަލަށް ދަތުރުކުރި އެންޓްރެކް ފްރެންކްފާޓް އާއެވެ.

ޖަރުމަން ކަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މޭމަހުގެ 27 ވަނަ ދުވަހުއެވެ.