ތަރައްްޤީ

ޒޯން 5 ގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން 5 ގެ ޗެމްޕިއަންކަން ދ.ކުޑަހުވަދޫ ހޯދައިފިއެވެ.

ދ.އަތޮޅުގެ ޗެމްޕިއަން ކުޑަހުވަދޫ ޒޯން 5 ގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި ވ.އަތޮޅުގެ ޗެމްޕިއަން ފުލިދޫއާއި ވާދަކޮށް 4-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ކުޑަހުވަދޫގެ ފަހު ތިން ގޯލް ކާމިޔާބުކޮށް މުޙައްމަދު އިސްމާއީލް ހެޓްރިކް ހެދިއެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އިރުފާން އާދަން ނަސީރެވެ.

ދ.އަތޮޅުގެ ޗެމްޕިއަންކަމާއި، ޒޯންގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. ނިއުއާއި ވެލެންސިޔާގެ އިތުރުން މަހިބަދޫއަށް ފުރަތަމަ ޑިވިޝަންގައި އިރުޝާދު ދީފައިވާ މޯހަން ކުޑަހުވަދޫ ޓީމާ ހަވާލުވެގެން މަސައްކަތްކުރާތާ ވަނީ ދުވަސްތަކެއް ވެފައެވެ. 

މޯހަންގެ އިރުޝާދުގެ ދަށުން ކުޑަހުވަދޫ ދެން ވާދަކުރާނީ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ދިވެހި ލީގު ކޮލިފައިންގ ބުރުގައެވެ. ދިވެހި ލީގު ކޮލިފައިންގ ބުރު ކުޅޭނީ ރޯދައިގެ ފަހުންނެވެ. ކޮލިފައިންގ ބުރުގެ ގަދަ ހަތަރު ޓީމް ކޮލިފައިވާނީ ރާއްޖޭގެ އެންމެ ބޮޑު ލީގު ދިވެހި ލީގަށެވެ.