ދުނިޔެ

"އީޔޫގެ މެމްބަރަކަށްވުމަށް ކުރާ މަސައްކަތް ހުއްޓާލަންޖެހިދާނެ"


ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ހޯދުމަށް ތުރުކީވިލާތުން ދޮރުކުރިމަތީގައި ތާ އަބަދު ދެމި ނުތިބޭނެ ކަމަށާ މިކަމާ ދެކޮޅު ހަދާ ގައުމުތަކުން ދޫ ނުދޭ ނަމަ މި މަސައްކަތް ތުރުކީވިލާތުން ހުއްޓާލާނޭ ކަމަށް އެގައުމުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. 

ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ، ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ތުރުކީއަށް ދިނުމާ ގުޅޭ ގޮތުން ވިލާތުގެ ބައެއް ގައުމުތަކުން އަދި ވެސް ގެންގުޅޭ ވިސްނުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އިއްތިހާދުގެ މެމްބަރުކަން ދިނުމުގެ ގޮތުން ތުރުކީގައި އިންސަނީ ޙައްޤުތައް ރައްކާތެރިކުރާ މިންވަރު ބެލުމަށް އެގައުމު ޙާއްސަ ލިސްޓަކަށްލުމަށް ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށާ މިއީ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދިނުމާ ގުޅޭ ނިންމުމެއް ނޫން ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރި ކުރާ މިންވަރު ބަލާ ލިސްޓަށް ތުރުކީގެ ނަން އިތުރުކޮށްފައިވަނީ މިމަސައްކަތް ވިލާތުގައި ފުޅާ ދާއިރާއެއްގައި ކުރާ ޕާލިމެންޓަރީ އެސެމްބްލީ އޮފް ކައުންސިލް އޮފް ދަ ޔޫރަޕްއިންއެވެ. އެއިދާރާއިން ބުނެފައިވަނީ މިކަން މިގޮތަށް ނިންމީ މިދިޔަ އަހަރު ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ތުރުކީގެ ވެރިކަމުގެ ބާރުތައް ވަކި ފަރާތަކަށް ގިނަވަމުންދާތީ ކަމަށެވެ.

ރޮއިޓަރސް އަށް ދެއްވި ބަސްދީގަތުމުގައި އުރުދުޣާން ވަނީ ވިލާތުގައި އިސްލާމީ ފިކުރާ ދެކޮޅު ގިނަ ފަރާތްތައް އެއްވަމުންދާ ކަމަށާ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ތުރުކީވިލާތަށް މެމްބަރުކަން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުން އަންނަ ހުކުރު ދުވަހު ބައްދަލުކުރައްވާއިރު، މިކަން ތުރުކީން ގާތުން ބައްލަވާނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަދި ތުރުކީން އަދި ވެސް އޮތީ ވިލާތާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އެގައުމުގެ ރައީސް ވިދާޅުވިއެވެ.