ޚަބަރު

"ޕާކިސްތާނާއެކު އޮންނަ ގުޅުމަށް ޚާއްޞަ އިސްކަމެއް ދެއްވާ"


ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމަށް ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް ވިދާޅުވެއްޖެއެވެ. 

ފޮރިންގ މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޕާކިސްތާންގެ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި ފޮރިންގ މިނިސްޓަރ އާސިމް ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ހެޔޮ އެދުންތައް ބޮޑު ވަޒީރަށް އަރިސްކުރައްވާ، ރައީސްގެ ސިޓީފުޅެއް ބޮޑުވަޒީރަށް އަރުވާފައެވެ. އަދި ޕާކިސްތާނުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14931968108728.jpg|ފޮރިން މިނިސްޓަރ މުޙައްމަދު އާސިމް، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްއާ ބައްދަލުކުރައްވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ޑރ.އާސިމް ޕާކިސްތާން ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ފޮރިން ސަރވިސް އެކަޑަމީއަށް މިއަދު ވަނީ ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި އެތަނުގެ އިސްވެރިންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތަކުގެ ވާހަކަދައްކަވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. 

މި ބައްދަލުވުމުގައި، ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހްމަދު ސަލީމާއި، ފޮރިންގ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.