ކުޅިވަރު

މޭޖަރ ލީގު ސޮކާރގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ ކަކާ!


އެމެރިކާގެ މޭޖަރ ލީގު ސޮކާރއަކީ ފަހަކަށް އައިސް ދުނިޔޭގެ މަޝްހޫރު ގިނަ ތަރިން ކުޅެމުން އަންނަ ލީގެކެވެ. ގިނަ ކުޅުންތެރިން މި ލީގުގައި ކުޅެނީ އަގުބޮޑު މުސާރައަށްކަން ފާހަގަކޮށްލެވެއެވެ. 

ދާދި ފަހުން މޭޖަރ ލީގު ސޮކަރއިން އާންމުކުރި ލިސްޓުން އެ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ ބްރެޒިލްގެ މިޑްފިލްޑަރ ކަކާއެވެ. އޯރލަންޑޯ ސިޓީއަށް ކުޅޭ ކަކާއަށް 5.6 މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ލިބެއެވެ. 

ކަކާގެ ފަހަތުން ލިސްޓުގެ ދެވަނަ އަދި ތިންވަނާގައި އުޅެނީ ޓޮރޮންޓޯގެ ދެ ކުޅުންތެރިންނެވެ. އިޓަލީގެ ސެބަސްޓިއަން ޖިއޮވިންކޯއަށް 5.5 މިލިއަން ޕައުންޑް ލިބޭއިރު، މައިކަލް ބްރެޑްލީއަށް 5.1 މިލިއަން ޕައުންޑްގެ މުސާރައެއް ލިބެއެވެ. 

4.6 މިލިއަން ޕައުންޑާއިއެކު ލިސްޓްގެ ހަތަރު ވަނާގައި އޮތީ ނިއުޔޯކް ސިޓީގެ އަންދްރޭ ޕިރްލޯއެވެ. އޭނާގެ ފަހަތުން ފަސްވަނާގައި 4.4 މިލިއަން ޕައުންޑްގެ މުސާރައަކާއިއެކު އޮތީ އެޓީމްގެ ޑޭވިޑް ވިޔާއެވެ. 

މެކްސިކޯގެ ޖިއޮވާނީ ޑޮސް ސަންޓޯއަސްއަށް އެލްއޭ ގެލެކްސީން 4.3 މިލިއަން ޕައުންޑް ހޭދަކުރާއިރު، ޖަރުމަންގެ މިޑްފިލްޑަރ ބަސްޓިއަން ޝްވައިންސްޓާއިގަރއަށް 4.2 މިލިއަން ޕައުންޑް ޗިކާގޯ ފަޔާއިން ހޭދަކުރެއެވެ. ޝްވައިންސްޓާއިގަރ މޭޖަރ ލީގަށް ބަދަލްވީ މިދިޔަ މަހުކަން ފާހަގަކޮށްލެވެއެވެ. 

ޝްވައިންސްޓާއިގަރގެ ފަހަތުން ލިސްޓުގެ އަށްވަނައާއި ނުވަވަނައިގައި ހިމެނެނީ އެމެރިކާގެ ދެ ފޯވާޑުންނެވެ. އެއީ 3.8 މިލިއަން ޕައުންޑާއިއެކު ޓޮރޮންޓޯގެ ޖޯޒީ އަލްޓިޑޯ އަދި 3 މިލިއަން ޕައުންޑާއިއެކު ސީޓަލް ސައުންޑާރސްގެ ކްލިންޓް ޑެމްޕްސީއެވެ. 

ގަދަ ދިހައެއް އިއުލާންކުރި ލިސްޓްގައި ހިމެނޭ ފަހު ކުޅުންތެރިޔަކީ ޕޯޓްލެންޑް ޓިމްބާރސްގެ ޑިއޭގޯ ވަލޭރީއެވެ. އޭނާއަށް މުސާރައިގެ ގޮތުގައި ލިބެނީ 2 މިލިއަން ޕައުންޑެވެ. 

މޭޖަރ ލީގު ސޮކަރ އަކީ ދުނިޔޭގެ ގިނަ ތަރިން ކުޅެފައިވާ ލީގެކެވެ. އެގޮތުން ޑޭވިޑް ބެކަމް، ސްޓީވެން ޖެރާޑް، ފްރެންކް ލަމްޕާޑް، ތިއެރީ އޮންރީ އަދި ޑިޑިއޭ ޑްރޮގްބާ ފާހަގަކޮށްލެވެއެވެ.