ޚަބަރު

ކުނަހަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި


ލ.ކުނަހަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

ދަނޑުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހިންގި މި ޕްރޮގްރާމްގައި ކުނަހަންދޫގެ ތިރީހަށްވުރެ މީހުން ބައިވެރިވެފައިވެއެވެ.

ދިހަ ދުވަހަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ދަނޑުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމާގުޅޭ މުހިންމު މަޢުލޫމާތުތަކެއް ދީފައިވެއެވެ. އަދި މިހާރު ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގޮތްތަކުގެ އިތުރުން އައު ގޮތްތަކެއްވެސް ބައިވެރިންނަށް ތަޢާރަފް ކޮށްދީފައިވެއެވެ. އަދި ދަނޑުތަކަށާއި ގޯތިތެރޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ޒިޔާރަތްކޮށް ގަސްތަކަށް ދިމާވާ މައްސަލަތައް ބަލާ ހައްލު ކުރެވޭނެގޮތްތައްވެސް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން އެންމެ އެދެވޭ ގޮތުގައި ގަސްކާނާ ބޭނުންކުރާނެ ގޮތްތަކާއި، އުކާލެވޭ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދާނެ ގޮތްވެސް ބައިވެރިންނަށް ކިޔާދީފައިވެއެވެ. އަދި ދިރޭ ސޫފާސޫފީގެ ސަބަބުނާއި ޖަރާސީމުގެ ސަބަބުން ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްވެސް ކިޔާދީފައިވެއެވެ.