ދުނިޔެ

އެމެރިކާއާ ކުރިމަތިލުމަށް އުތުރު ކޮރެއާއިން ތައްޔާރުވަނީ


އެމެރިކާގެ ބިރުދެއްކުންތަކާ ކުރިމަތިލުމަށްޓަކައި އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންގޮސްފިކަން އުތުރުކޮރެޔާއިން ހާމަކޮށްފިއެވެ.

އުތުރުކޮރެޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ހަވާލާދީ ރޮއިޓާސް ބުނީ އެޤައުމުގެ ސިފައިންގެ 85 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެއްގަމާއި ކަނޑާއި ވައިގެ މަގުން އަސްކަރީ ތަމްރީންތަކެއް އިއްޔެ ކުރިޔަށް ގެންގޮސްފައިވާނެކަމަށެވެ. އުތުރުކޮރެޔާއިން އަސްކަރީ ތަމްރީންތަކެއް މިބޭއްވީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ސަބްމެރިންއެއް އަވަށްޓެރި ދެކުނުކޮރެޔާއަށް ގޮސްފައިވަނިކޮށެވެ. މީގެއިތުރުން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އެނޫންވެސް ބައެއް މަނަވަރު ހިމެނޭ ފްލީޓެއް ކޮރެޔަން ޕެނިންސިއުލާގެ ކަނޑާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާ އިން ބުނެއެވެ.

އުތުރުކޮރެޔާއިން މިސައިލް ތަޖްރިބާތަކާއި ނިއުކްލިޔަރ ތަޖްރިބާތައް ކުރަމުން ގެންދާ މައްސަލާގައި އެމެރިކާ ގެންދަނީ އެޤައުމަށް ހަރުކަށި އިންޒާރުތައް ދެމުންނެވެ. މިއިންޒާރުތަކަށް ރައްދު ދެމުން އުތުރު ކޮރެޔާއިންވަނީ އެމެރިކާއިން އެޤައުމަށް އިސްވެ ހަމަލާދީފިނަމަ އެމެރިކާއަށް ނޫނީ އަވަށްޓެރި ޤައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.