ޚަބަރު

ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރި ކުރެވެން ޖެހޭ!


"އިންޓަލެކްޗުއަލް ޕްރޮޕަޓީ" ނުވަތަ ފިކުރީ މުދަލޭ ކިޔަނީ، މީހަކު އެމީހެއްގެ އަމިއްލަ ޚިޔާލާއި ވިސްނުން ބޭނުންކޮށްގެން އުފައްދާ އައު އީޖާދަށެވެ. ފިކުރީ މުދާ އުފެއްދުމާއި އެފަދަ މުދާ ޙިމާޔަތްކުރުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުން ވަރަށްބޮޑު އަހަމިއްޔަތުކަމެއްދޭކަމެކެވެ. މިދެންނެވި ޤައުމުތަކުން ވަނީ މިކަމަށް ޚާއްސަ ޤާނޫނުތައްވެސް ހަދާފައެވެ.

ފިކުރީ މުދާ ޙިމާޔަތް ކުރުމުގެ ގޮތުން، "ވަރލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން" ގެ ނަމުގައި ބައިނަލްއަޤްވާމީ ޖަމާއަތެއް އުފައްދާފައިވަނީ، 2000 ވަނަ އަހަރެވެ. މި ޖަމާއަތުގެ މައިގަނޑު މަޤްސަދަކީވެސް ފިކުރީ މުދަލުގެ ގޮތުގައި އުފައްދާ އީޖާދުތައް ނަކަލުކުރުމުން ރައްކާތެރިކުރުމުގެ ގޮތުން އީޖާދަށް ޙާއްސަ ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރުމެވެ. މި ޖަމާއަތުން ދުނިޔޭގެ ފިކުރީ މުދަލުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އޭޕްރިލް މަހުގެ 26 ވަނަ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، "އިނޮވޭޝަން، އިމްޕްރޫވިންގ ލައިވްސް" އެވެ.

ދިވެހި ޕްރޮފެސަރު އަދި ސައިންސްވެރިޔާ ހަސަން އުގައިލް ވިދާޅުވީ، މީހަކު އޭނާގެ އަމިއްލަ ވިސްނުމާއި ޚިޔާލު ބޭނުންކޮށްގެން އުފައްދާ އެއްޗެއް ރައްކާތެރިކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. 

"އެއީ ކިތަންމެ އާދައިގެ އެއްޗެއް ނަމަވެސް މީހަކު ފިކުރީ ގޮތުން އެއްޗެއް އުފައްދައިފިނަމަ އެއަށް ރައްކާތެރިކަން ދޭން ޖެހޭ" އުގައިލް ވިދާޅުވި އެވެ.

ފިކުރީމުދާ އުފެއްދުމަކީ ޤައުމެއްގެ އިޤްތިޞާދަށްވެސް ވަރަށް މުހިއްމުކަމެކެވެ. އިޤްތިޞާދީ މާހިރުންނާއި ސައިންސްވެރިން ވިދާޅުވާގޮތުގައި ފިކުރީ މުދަލާއި ނުލައި އިޤްތިޞާދެއް ނުވެއެވެ.

މިޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ.

އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީގައި މިހާރުވެސް އެތައް އީޖާދުތަކެއް އުފައްދަވަމުން ގެންދަވާ ދިވެހި ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވީ، ފިކުރީމުދާ އުފައްދައި، އެ އުފައްދާ މުދާ ރައްކާތެރިކުރުމަކީވެސް މި ޒަމާނުގެ އިޤްތިޞާދަށް ނުހަނު ބޭނުންތެރިކަމެއްކަމަށެވެ.

ފިކުރީ މުދާ އުފައްދާ، ހުނަރުވެރި އެތައްބަޔަކު ރާއްޖޭގައި އެބަތިއްބެވެ. އެހެންނަމަވެސް ފިކުރީ މުދާ އުފެއްދުމަށް ރަނގަޅު ނިޒާމެއް ރާއްޖޭގައި ބައްޓަންކުރަންޖެހޭކަމަށް މިފަދަ މަސައްކަތްތައް ކުރާމީހުން ދެކެއެވެ. މިގޮތުން ޖީޑީޕީގެ ކޮންމެވެސް މިންވަރެއް ފިކުރީ މުދާ އުފެއްދުމަށް ނުވަތަ ފިކުރީ މުދަލުގެ އީޖާދުތައް ކުރާ ފަރާތްތަކަށް ކަނޑައެޅުމަކީ ކުރެވިދާނެ މުހިންމު ކަމެއްކަމަށް އެމީހުންދެކެއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުންވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.

" ނޮލެޖް އިކޮނޮމީއަކަށް އަޅުގަނޑުމެން މި ބޭނުންވަނީ އާ އުފެއްދުންތައް، އާ އީޖާދުތައް، އަދި އާ އިނޮވޭޝަން. މިކަމަށް ބޭނުންވާ ފައިސާހޯދާފަ އަޅުގަނޑުމެން އެބަޖެހޭ ހޭދަކުރަން. މިސާލަކަށް ދުނިޔޭގެ އެންމެބޮޑު އެއް ސަރވިސް އިންޑަރސްޓްރީ ހިމެނޭ އިނގިރޭސިވިލާތުގެ ޖީޑީޕީގެ ވަރަށްބޮޑު ބައެއް އެމީހުން އެބަ ހޭދަކުރޭ އާ އީޖާދުތައް އުފައްދަން. އަދި ހަމަ އެއާއި އެއްވަރަށް ތަފާތު ޤަވާއިދުތަކާއި ޤާނޫނުތައް އެބަހުރި ހެދިފަ މި އާ އީޖާދުތައް، މި ފިކުރީ މުދާތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް. އެހެންވީމަ މިކަމަކީ، ވަރަށް މުހިއްމުކަމެއް ނޮލެޖް ބޭސްޑް އިކޮނޮމީއަކަށް އަދި ސަރވިސް އިކޮނޮމީއަކަށް." ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ސަރުކާރުންވެސް ގެންދަވަނީ ފިކުރީ މުދާ ޙިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން  ކަލެކްޓިވް މެނޭޖްމަންޓް އޮގަނައިޒޭޝަނެއް އުފައްދަވައި، ފިކުރީ މުދާ ޙިމާޔަތްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.