ޚަބަރު

ޕީއެސްއެމްގެ ޗެނަލްތަކަށް ސޫދާނުގެ މަނާލްޓީވީގެ އެހީ!


ޕީއެސްއެމްގެ ޗެނަލްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތައް ހަދިޔާކުރުމަށާއި، ޕީއެސްއެމްގެ މުވައްޒަފުން ތަމްރީންކުރުމަށް އެހީތެރިވެދިނުމަށް ސޫދާނުގެ މަނާލްޓީވީން ހުށަހަޅައިފިއެވެ.

އެޓީވީން މިގޮތަށް ނިންމައި އެކަން ހުށަހަޅާފައިވަނީ ރާއްޖޭގެ، ކީތިރިޤުރްއާނާ ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މުސާ މިހާރު ސޫދާނަށް ކުރައްވާ ދަތުރުފުޅުގައި މަނާލް ޓީވީ ޗެނެލްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ރައީސް ޑރ.މޫސާ ޢަބްދުއްރައޫފު އަލްތަކީނާ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. 

މިބައްދަލުވުމުގައި ، ޕީއެސްއެމްގެ ޓީވީޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތައް ހަދިޔާކުރުމާއި، ޕީއެސްއެމްގެ މުވައްޒަފުން ތަމްރީނުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އިބްރާހީމް ރަޝީދު މޫސާ މަޢުލޫމާތުދެއްވައެވެ. 

ޕީއެސްއެމްގެ ޗެނެލްތަކުގައި މަނާލް ޓީވީގެ ޕްރޮގްރާމްތައް ދެއްކުމުގެ ހުއްދަވެސް ދެއްވާފައިވާކަމަށްވެސް ޕީއެސްއެމްއަށް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ. އަދި މަނާލްޓީވީ ޗެނެލުން އުފައްދާފައިވާ ބައެއް ޕްރޮގްރާމްތައް ޕީއެސްއެމްއަށް ހަދިޔާ ކުރައްވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ މީޑިޔާގެ ދާއިރާއަށް ބޭނުންވާ ތަމްރީނުވެސް މަނާލްޓީވީގެ ފަރާތުން ލިބޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށް މަނާލް ޓީވީ ޗެނެލްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ރައީސް ވަޢުދުވެ ވަޑައިގެންނެވިކަމަށް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސް ސޫދާނަށް ކުރައްވަމުންދާ ދަތުރުފުޅުގައި ވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯލްގެ މެނެޖިންގ ޑިރެކްޓަރ އައްޝައިޚު ކަމާލު ޙަސަން ރިޒްޤާވެސް ބައްދަލު ކުރައްވާފައެވެ. 

މި ބައްދަލު ކުރުމުގައި ވަނީ ރާއްޖޭގެ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ މަސައްކަތްތައް ފުޅާ ކުރުމަށް ބޭނުންވާ ފަންނީ އެހީއާއި އެކެޑެމިކް އެހީއާ ބެހެގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ސޫދާނުން ބޭނުންވާ ޚިދްމަތްތައް ހޯދުމުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އައްޝައިޚް ކަމާލް ރިޒްޤު މސައްކަތްކޮށް  ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިކަމަށްވެސް ރަޝީދު މޫސާ ވިދާޅުވިއެވެ.