ވިކްޓްރީވެސް ބަލިކޮށް، މާޒިޔާ އެސްތީއޯ މާލޭ ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
މިއަދު ހަވީރު ވިކްޓްރީގެ މައްޗަށް މާޒިޔާ ކުރި ހޯދީ އެކެއް ސުމަކުންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މާޒިޔާގެ ބިދޭސީ ފޯވާޑް ރަކިޗްއެވެ.
މިމެޗުގައި ވިކްޓްރީން ވަނީ ރަނގަޅު ކުޅުމެއް ދައްކާ، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއްވެސް ތަނަވަސް ކޮށްފައެވެ. އެގޮތުން ދެވަނަ ހާފްގައި ވިކްޓްރީގެ ހަސަން އަދުހަމް ޕެނަލްޓީ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
އެހެންނަމަވެސް މުޅި މެޗުގައިވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މާޒިޔާގެ ކެޕްޓަން އަދި އިތުބާރު ފޯވާޑް އަސަދުﷲ އަބްދުﷲ އަށެވެ. މެޗުގެ ފުރަތަމަ ހާފްގައި އަސަދުﷲ ކީޕަރުވެސް ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ، ދިޔައީ އަރިމަތިން ބޭރަށެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނީ މާލޭ ލީގުގައި ކުޅޭ ޓީމުތަކުގެ ތެރެއިން އޭއެފްސީ ކަޕްގައި ކުޅެނީ މާޒިޔާ އެކަނި ކަމަށާއި، މާޒިޔާއަށް ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އުނދަގޫ ވާކަމަށެވެ.
" އިންޑިއާގެ މޯހަން ބަގާން އާއި ކުޅުނު މެޗަށް ފަހު ދަތުރު ފަތުރުގެ ކަންކަންވެސް ދިޔައީ ވަރަށް ދަތިކޮށް، އެމެޗަށް ފަހު އެހާ އަވަހަށް މާލޭ ލީގުގައި ކުޅެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު އުފާކުރަން." ކޯޗު ބުންޏެވެ.
ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުގައި ގޯލް ޖެހުން ނޫން އެހެން ހުރިހާކަމަށްވެސް ގާތްގަނޑަކަށް ދިޔައީ ރަނގަޅަށް ކަމަށެވެ.
"ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް މިކުރިމަތިވީ. އެއަމާޒު ހާސިލްކުރަން އިތުރު ދަތިތަކަކާ މިހާރު ކުރިމަތިވެފައި މިވަނީ." ސުޒޭން ބުންޏެވެ.
ކުޅުނު ހަތަރު މެޗުން ބާރަ ޕޮއިންޓާއެކު ލީގުގެ އެންމެ ކުރީގައި މާޒިޔާ އޮތްއިރު މިއަދު މެޗުން ބަލިވި ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތީ ދެ ޕޮއިންޓާއެކު ލީގުގެ ހަތް ވަނާގައެވެ.