ދީން

ބޭރުން ޙާފިޡުން ގެނައުމާބެހޭ އުޞޫލު ޢާއްމުކުރައްވައިފި


ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ހުއްދަ ދެއްވުމުގައި ގެންގުޅުއްވާނެ އުސޫލު އިސްލާމިކް މިނިސްޓްރީން އާންމުކުރައްވައިފިއެވެ.

މި އުސޫލު އާންމުކުރެއްވީ، ރަމަޟާމަހު ކުރާ ތަރާވީޙް ނަމާދު، އިމާމްވެ ކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ބިދޭސީ ޙާފިޡުންނަކީ އެކަމަށް އެކަށީގެންވާ ބައެއްކަން ކަށަވަރުކުރުމާއި ޤާނޫނީ އިމުގެ ތެރެއިން ރާއްޖެއަށް ބިދޭސީ ޙާފިޡުން ގެނައުމާއި އެމީހުން ރާއްޖޭގައި ތިބުމުގެ ކަންކަމާއި، ރާއްޖެއިން ފުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ މަތިން ކުރިޔަށް ގެންދިއުމުގެ މަޤްޞަދުގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުން ޙާފިޒުން ގެނައުމަށް ހުއްދަދެވޭނީ ޚަތިމްކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތަކަށް، އެރަށެއްގެ އާބާދީގެ ނިސްބަތުންނެވެ. އެގޮތުން ފަސް ސަތޭކައާއި ފަނަރަސަތޭކައާ ދެމެދުގެ އާބާދީގެ ރަށްރަށަށް ގެނެވޭނީ އެއްމެ ޙާފިޡެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފަނަރަސަތޭކައާއި ތިންހާހާ ދެމެދުގެ އާބާދީގެ ރަށްތަކަށް ދެ ޙާފިޡުންނަށް ހުއްދަދޭއިރު، ތިންހާހުން މަތީގެ އާބާދީގެ ރަށްތަކަށް ތިން ޙާފިޡުންނަށް ހުއްދަ ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް، ގެނައުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އަވަށްޓެރި ޤައުމުތަކުގެ ޙާފިޒުންކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކުން ނުވަތަ ބޭރުގެ އިސްލާމީ ޖަމްޢިއްޔާތަކުން ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާ ޙާފިޡުން މީގެ ތެރެއިން އިސްތިސްނާވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުން ބިދޭސީ ޙާފިޡުން ގެނައުމުގެ ހުއްދައަށް އެދޭއިރު އެމީހާއަކީ ޙާފިޡުކަމުގެ ސެޓްފިކެޓް އޮތް މީހަކަށް ވާންވާނެކަމަށާއި، އަދި ސުންނަތް ޖަމާއަތުގެ މީހެއްކަން އަންގައިދޭ ލިއުމެއް އޮންނަންވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރައްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ބޭނުންވާ ލިޔެކިއުންތައް ރަމަޟާންމަސް ފެށުމުގެ ފަންސަވީސް ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަން ވާނެކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.