ޚަބަރު

ޙައްޖަށް ގެންދިއުމަށް 16 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފި


ރާއްޖެއިން މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް 16 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުޞަތު މިމަހުގެ ތިރީސް ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް 16 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. ޙައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ މިހާރު ޢާންމުކޮށްފައިވާ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި އުޞޫލުގައި 23 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޙައްޖަށް މީހުން ގެންދިއުމުގެ ޙުއްދަ ދެއްވުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަސް ޖަމަޢާތަކަށާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ކަމަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި މީހުން ސަޢުދީ އަރަބިއްޔާއަށް ފުރަން ފަށާނެއެވެ.