ޚަބަރު

6 ކުދިންގެ ތެރެއިން 3 ކުދިންގެ ބޯންމެރޯ ކާމިޔާބުވެއްޖެ


ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ބޯންމެރޯ ހަދަން ފުރުޞަތުދިން 6 ކުދިންގެ ތެރެއިން 3 ކުއްޖެއްގެ ބޯން މެރޯ ކާމިޔާބުވެއްޖެއެވެ.

މި 6 ކުދިން ބޯންމެރޯ ހެދުމުގެ ފަރުވާ ހޯދަމުންދަނީ އިންޑިޔާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓު އިން ޕީޑިއަޓްރިކްސް ޑރ.އަޙުމަދު ޢުމަރު ވިދާޅުވީ، ހަ ކުދިންގެ ތެރެއިން ތިން ކުއްޖެއްގެ ބޯން މެރޯ ކާމިޔާބުވެ، ފަރުވާގެ ތެރޭގައި ދެ ކުއްޖަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެއް ކުއްޖަކަށް ބޯން މެރޯ ނުހެދުނު ކަމަށެވެ.

ޑރ.ޢުމަރު ވިދާޅުވީ، ބޯން މެރޯ ކާމިޔާބުވި ތިން ކުދިން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާ ފަރުވާ ފުރިހަމަކުރުމަށްފަހު އެމީހުން މާލެ އެނބުރި އަންނަން މަސްދުވަސް ނަގާނެ ކަމަށެވެ. ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން ކޮންމެ ކުއްޖަކަށް ނުވަސަތޭކަ ހާސް ރުފިޔާއާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

img:http://s2.psmnews.mv/images/660x400/14607971032615.jpg|ސަރުކާރުގެ ޙަރަދުގައި ބޯންމެރޯ ހައްދައިދޭ ކުއްޖަކަށް ސަރުކާރުގެ ފަރާތުން އެހީދޭކަމުގެ ލިޔުން ރައީސް ޔާމިން ހަވާލުކޮށްދެއްވަނީ / ފައިލް ފޮޓޯ: ޕީއެސްއެމް ފައިލް

މީގެ ތެރޭގައި ހިމެނެނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދާއި 4 މީހެއްގެ ދެކޮޅު ޓިކެޓާއި، އެ އެންމެންގެ 3 މަސްދުވަހުގެ ހުރުމެވެ. އަދި ޓްރާންސް ޕްލާންޓަށްފަހު އިތުރު ފަރުވާ ބޭނުންވާނަމަ، އެޚަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ - އެންސްޕާއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުން 6 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތު ދެއްވައި އެކަމުގެ ލިޔުން ޙަވާލުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތިރީސް ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައިވަނީ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި މަދުވެގެން 25 ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަމަޖައްސަވައިދެއްވުމެވެ. ނަމަވެސް ފުރަތަމަ 3 އަހަރު ނިމުނުއިރު މިވަނީ މި ވަޢުދު ފުރިހަމަ ކުރެވިފައެވެ. ރާއްޖޭގައި މިހާތަނަށް 57 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވެއެވެ.