ކުޅިވަރު

މަޖީދިއްޔާ އަދި ޣިޔާސުއްދީނުން ޗެމްޕިއަންކަން ހޯދައިފި


19 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޣިޔާސުއްދީން ސްކޫލު އަދި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ ފައިނަލްކަމަށްވާ 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލް މެޗް ޣިޔާސުއްދީން ސްކޫލު ކާމިޔާބުކުރީ ކަލާފާނު ސްކޫލާއި ވާދަކޮށް 16 ޕޮއިންޓް 13 ޕޮއިންޓުންނެވެ. 

14 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލްގައި މާޖިދިއްޔާ ނިކުތީ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލާއި ދެކޮޅަށެވެ. މި މެޗް މަޖީދިއްޔާ ސްކޫލް ކާމިޔާބުކުރީ 47 ޕޮއިންޓް 20 ޕޮއިންޓުންނެވެ. 

އިއްޔެ ވަނީ މި މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ސެމީ ފައިނަލް މެޗުތައްވެސް ކުޅެފައެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި މަޖީދިއްޔާ ވާދަކުރީ ތާޖުއްދީން ސްކޫލާއެވެ. މި މެޗް މަޖީދިއްޔާ ކާމިޔާބުކުރީ 51 ޕޮއިންޓް 27 ޕޮއިންޓުންނެވެ. 

img:http://s4.psmnews.mv/images/660x400/14931164719380.jpg|16 އަހަރުން ދަށުގެ ފިރިހެން ބައިގެ ސެމީ ފައިނަލް މެޗެއްގެ ތެރެއިން / ފޮޓޯ : އެމްބީއޭ

16 އަހަރުން ދަށުގެ ފިރިހެންބައިގެ ފައިނަލްގައި މަޖީދިއްޔާ ނިކުންނާނީ އިމާދުއްދީން ސްކޫލާއި ދެކޮޅަށެވެ. އިމާދުއްދީނުން ސެމީ ފައިނަލް ދެވަނަ މެޗް ކާމިޔާބުކުރީ ރެހެންދި ސްކޫލާއި ވާދަކޮށް 52 ޕޮއިންޓް 17 ޕޮއިންޓުންނެވެ. 

އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި މިއަދު 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލް މެޗުތައް ކުރިއަށްދާނެއެވެ.