ވިޔަފާރި

އައިލެންޑް އޭވިއޭޝަނުން އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފި


ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ސީޕްލޭނެއް މިރޭ ރާއްޖެ ގެނެސްފިއެވެ.

އަލަށްގެނައި މި ބޯޓާއިއެކު މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރާ ސީޕްލޭންގެ އަދަދު ވަނީ ދިހަޔަކަށް އަރާފައެވެ.

ސްވިޒަރލެންޑުން ގެނެސްފައިވާ މި ބޯޓަކީ، ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ހާރިސް ވިދާޅުވީ، އަލަށް ގެނައި މި ބޯޓުގެ ސަބަބުން އައިލެންޑް އޭވިއޭޝަނުގެ ސީޕްލޭން އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، އެއަރޕޯޓްތައް ތަރައްޤީވެގެން އަންނައިރު، އައިލެންޑް އޭވިއޭޝަނުން އެކަމަށް ވަރަށްބޮޑަށް ތައްޔާރުވަމުން އަންނަކަމަށް ހާރިސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނުން އަންނަނީ ރާއްޖޭގެ ހަ ރިސޯޓަކަށް ސީ ޕްލޭންގެ ޚިދުމަތް ދެމުންނެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ފަނަރައަށްވުރެ ގިނަ ދަތުރު، ސީ ޕްލޭންތަކުން ކުރަމުންއަންނަކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތުދެއްވައެވެ. އަލަށް ގެނައި ބޯޓް ވަރަށް އަވަހަށް އައިލެންޑް އޭވިއޭޝަނުގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.