ޚަބަރު

ފްލެޓްތަކުގައި އުޅޭ މީހުންނާއި ފަސްޓްލޭޑީ ބައްދަލުކުރައްވައިފި


ގަލޮޅުގައި ހުންނަ ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ އާޢިލާތަކާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ޙާލު ބައްލަވާލައްވައިފިއެވެ.

ރައީސްގެ އަނބިކަނބަލުން ކުރިއަށްގެންދަވާ އެންމެގާތުން ހަރަކާތުގެ ތެރެއިން ކުރިޔަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފްލެޓްތަކުގައި ދިރިއުޅެމުންދާ ގިނަ ބަޔަކުވަނީ ރައީސްގެ އަނބިކަނބަލުންނާ ބައްދަލްކުރައްވާ، އެ ފަރާތްތަކުގެ ކަނބޮޑުވުންތައް އެކަމަނާއަށް ޙިއްސާކުރައްވާފައެވެ. އަދި ފްލެޓްތަކުގައި ހުރި މައްސަލަތަކާ ގުޅޭ ޝަކުވާތައް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒަށް ހުށައަޅާފައިވެއެވެ.

މި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ސިނަމާލެ، އަދި މާލޭހިޔާ ފްލެޓްތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ބަޖެޓްގައި ހިމަނުއްވައިގެން ސިޓީ ކައުންސިލަށް ބަޖެޓް ދެއްވާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގެންދަވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހާލު ބައްލަވަމުންނެވެ.