ތަޢުލީމު

ދަރިވަރުންގެ ތަރިކަ މަހާސިންތާ ބާއްވަނީ..


ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް ކުރިއެރުވުމަށް ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވައިފައިވާ ޤައުމީ ތަރިކަ މަޝްރޫޢުގައި ތަޢުލީމީ ދާއިރާއިން ކުރާނެ ކަންތައްތައް ކަނޑައެޅުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ހިމެނޭގޮތަށް ދަރިވަރުންގެ ތަރިކަ މަހާސިންތާގެ ނަމުގައި މަހާސިންތާއެއް ބޭއްވެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ، އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަފުޅުކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރުއެވެ. ޑރ.ނަޒީރު ވިދާޅުވީ ޤައުމީ ތަރިކަ މަޝްރޫޢުގައި ތަޢުލީމީ ދާއިރާއިން ކުރާނެ ކަންތައްތައް ކަނޑައެޅުމަށްޓަކައި ބާއްވަވާ މަހާސިންތާ އަންނަމަހުގެ ތެރޭގައި ބާއްވަވާނެކަމަށެވެ. އަދި މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ބައިވެރިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި މަހާސިންތާގައި ދަރިވަރުންގެ ވިސްނުން ދެނެގަނެ ޚާއްސަ ކަރުދާސްތަކެއް ހުށަހަޅައި އެކަމަށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަހާސިންތާގައި، ތަރިކަ ދެމެހެއްޓުމަށްޓަކައި ކުރާނެކަންތައްތަކާއި، އެކަމާމެދު ދަރިވަރުންގެ ޚިޔާލު ހުށަހަޅާ، މިކަމާ ގުޅޭ ޑްރާފްޓެއް އެކުލަވާލެވޭނެކަމަށެވެ.