ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕް ގަދަ ސޯޅާގައި ވަރުގަދަ މެޗުތަކެއް!


ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ގަދަ ސޯޅައިގެ ގުރުއަތުލުން ބާއްވައިފިއެވެ. 

މިއަދު އެފްއޭއެމްގައި ނެގި ގުރުއަތުލުމުން އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ވާދަކުރަންޖެހުނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއެވެ. ދިވެހި ސިފައިންގެ ކްލަބާއި ސްޓެލްކޯ ވާދަކުރަން ޖެހުނުއިރު، މީގެ ކުރިން މުބަރާތް އުފުލާލާފައިވާ އެމްޕީއެލް ނިކުންނާނީ ޕޮލިސް ކްލަބާއި ދެކޮޅަށެވެ. 

2015 ގެ ޗެމްޕިއަން އެސްޓީއޯ ނިކުންނާނީ ސިވިލް ކޯޓާއި ދެކޮޅަށެވެ. އެޗްޑީސީ އެމްއޭސީއެލްއާއި ދެކޮޅަށް ނިކުންނަން ޖެހުނުއިރު، ހައުސިންގ ވާދަކުރާނީ އެމްޓީސީސީއާއެވެ. 

ފިރިހެން ޑިވިޝަންގައި ބިދޭސީ ކުޅުންތެރިއެއް ފެނިގެންދާ ހަމައެކަނި ޓީމް ފެނަކަ ގަދަ ސޯޅައިގައި ނިކުންނާނީ އެލައިޑާ ދެކޮޅަށެވެ. އަދި މިދިޔަ އަހަރުގެ ރަނަރަޕް އެމްއާރްޑީސީ ނިކުންނާނީ މޯލްޑިވިއަންއާއި ދެކޮޅަށެވެ. 

ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ގަދަ ސޯޅައިގެ މެޗުތައް ކުރިއަށްދާނީ އޭޕްރީލް އަށާވީސް އަދި ނަވާވީހުގައެވެ. 

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ކުއާޓަރ ފައިނަލް މެޗުތައް ކުރިއަށްދާނީ އޭޕްރީލް 27 ގައެވެ. 

ގަދަ އަށެއްގައި ޓީމްތައް ވާދަކުރާ ގޮތަށް ބަލާލާއިރު، ޓީމް ފެނަކަ ނިކުންނާނީ އެސްޓީއޯއާއި ދެކޮޅަށެވެ. އައްޑޫ ވުމަންސް އެސޯސިއޭޝަންގެ ޓީމް ނިކުންނާނީ ޕޮލިސް ކްލަބާއި ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އިމިގްރޭޝަން ދިވެހި ސިފައިންގެ ކްލަބާއި ވާދަކުރަން ޖެހުނުއިރު، އެމްޕީއެލް ނިކުންނާނީ އެމްއޭސީއެލްއާއި ދެކޮޅަށެވެ.