ވިޔަފާރި

އެމްޓީޑީސީއަށް ސާފުފައިދާގެ ގޮތުގައި 5.8 މިލިއަން ޑޮލަރު ލިބިއްޖެ


ސަރުކާރާއި ދިވެހި ރައްޔިތުން ޙިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީއަށް މިދިޔަ އަހަރުގެ ފަހުކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ފަހެއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީން މިއަދު އާއްމުކުރެއްވި އެކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 89.6 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް ވަނީ އާމްދަނީގެ ގޮތުގައި 4.1 މިލިއަން ޑޮލަރު ލިބިފައެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު އިތުރުވި މައިގަނޑު ސަބަބަކީ، މީގެކުރިން އެކުންފުނީގެ ނިޔާމަ ރިސޯޓްގެ މުއާމަލާތްތަކުން ލިބުނު 3.9 މިލިއަން ޑޮލަރެވެ. އެމްޓީޑީސީން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނި ހިންގުމުގެ ޚަރަދު 2.4 މިލިއަން ޑޮލަރުން، 1.5 މިލިއަން ޑޮލަރަށް ކުޑަކުރައްވާފައެވެ.

އެމްޓީޑީސީ އަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމުގެ ގޮތުން ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.