ކުޅިވަރު

ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ ކާންޓޭއަށް


ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަޤާމް އެންގޯލޯ ކާންޓޭ ހޯދައިފިއެވެ. 

އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަނުން ކޮންމެ ސީޒަނަކުވެސް ދެމުން އަންނަ އެވޯޑް ކާންޓޭ ހޯދީ އެޑެން ހަޒާޑް، ހެރީ ކޭން، ރޮމެލޫ ލުކާކޫ، ޒްލަޓާން އިބްރަހިމޮވިޗް އަދި އެލެކްސިސް ސަންޗޭޒްއާއި ވާދަކޮށްގެންނެވެ. 

ޗެލްސީގެ މިޑްފިލްޑް ލައިނުގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކާންޓޭ އެވޯޑް އުފުލާލުމަށްފަހު ބުނީ މި އެވޯޑަކީ އޭނާ އެކަނި މަސައްކަތުން ލިބުނު އެވޯޑެއް ނޫންކަމަށާއި، އެކި ގޮތްގޮތުން އޭނާއަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

"ވަރަށް ބޮޑު އެޗީވްމެންޓެއް މިއީ، އެކަނި މަސައްކަތުން ލިބުނު އެއްޗެއް ނޫން، އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އެވޯޑް ހޯދުމަށްފަހު ކާންޓޭ ބުންޏެވެ.

މި ސީޒަންގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޓޮޓެންހަމްގެ މިޑްފިލްޑަރ ޑެލެ އަލީއެވެ. މިދިޔަ ސީޒަންގައިވެސް މި އެވޯޑް ހޯދީ ޑެލެ އަލީއެވެ. 

މި އެވޯޑްގެ އިތުރުން ފުޓްބޯޅައަށް ކޮށްދީފައިވާ ޚިދުމަތް ފާހަގަކޮށް ކުރީގެ މަޝްހޫރު ތަރި ޑޭވިޑް ބެކަމްއަށްވެސް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ.

މި ހަފްލާގައި ދިން އިތުރު އެވޯޑްތަކަށް ބަލާލާއިރު، އަންހެން އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ މެންޗެސްޓާރ ސިޓީގެ ޑިފެންޑަރ ލޫސީ ބްރޮންޒެވެ. އަންހެން ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ބާރމިންޚަމް ސިޓީގެ ޖެސް ކާރޓަރއެވެ. 

ފުޓްބޯޅައިގެ މައިދާނުގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އާސެނަލްގެ އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން ކެލީ ސްމިތަށްވެސް މި ހަފްލާގައި އެވޯޑެއް ދިނެވެ.