ބާސެލޯނާއަށް ލައެނަލް މެސީ ކާމިޔާބުކޮށްދިން 500 ވަނަ ލަނޑާއެކު، ރެއާލް މެޑްރިޑް ބަލިކޮށް، ލަލީގާގެ އެންމެ ކުރިއަށް ބާސެލޯނާ ޖެހިލައިފިއެވެ.
ރޭ ރެއާލްގެ ދަނޑުގައި ކުޅުނު އެލް ކްލޭސިކޯ މެޗު ބާސެލޯނާ ކާމިޔާބުކުރީ 3-2 ނެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ރެއާލްއިންނެވެ. މިލަނޑު މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ކަސަމީރޯއެވެ. ފުރަތަމަ ހާފަ ނިމުމުގެ ކުރިން ބާސެލޯނާގެ ތަރި މެސީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މެޗުގައި ބާސެލޯނާއަށް ލީޑް ނަގައިދިނީ ދެވަނަ ހާފްގައި އިވާން ރަކިޓިޗްއެވެ. ރެއާލްއިން މެޗުގައި ނަތީޖާ ހަމަ ހަމަ ކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހަމޭސް ރޮޑްރިގޭޒްގެ ލަނޑުންނެވެ.
މިލަނޑު ރެއާލް އިން ކާމިޔާބުކުރީ ކުޅުންތެރިއެއް މަދުކޮށް ކުޅެމުންނެވެ. އެއީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް މެސީ ހިފެހެއްޓުމަށް ކުރި ޓެކުލްއަކާ ގުޅިގެން ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިމެޗުން ބާސެލޯނާ މޮޅުކޮށްދީ ލީގު އަލުން ހުޅުވާލަދިން ލަނޑު މެސީ ކާމިޔާބުކޮށްދިނީ މެޗުގެ ނުވަދިހަ މިނެޓްގެ ކުޅުން ހަމަވެ އިތުރު ވަގުތުވެސް އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ ވަނީ ޕޮއިންޓްގެ ގޮތުން ރެއާލް އާއި އެއްވަރުކޮށްފައެވެ. ބާސެލޯނާއަށް ކުރި ލިބެނީ ލީގުގައި މިދެޓީމް ބައްދަލުކުރި މެޗުތަކަށް ބަލާ ބާސެލޯނާ ރެއާލްގެ މައްޗަށް ކުރި ހޯދާފައި ވުމުންނެވެ. އެހެންނަމަވެސް ބާސެލޯނާ ވަނީ ރެއާލް އަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.