ޚަބަރު

ޔާމީން ރަޝީދަކީ މުހިންމު މުވައްޒަފެއް – ސްޓޮކް އެކްސްޗޭންޖް


ތޫނު އެއްޗަކުން ޙަމަލާދީ އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދަކީ އެކުންފުނީގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދިޔަ މުހިންމު މުވައްޒަފެއްކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނެފިއެވެ. 

ޔާމީން ރަޝީދުގެ މަރާގުޅޭގޮތުން މިއަދުވަނީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ޔާމީން ރަޝީދަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އައިޓީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އަނިޔާވެރިގޮތަކަށް އޭނާ މަރާލިއިރު، އޭނާދިޔައީ އެކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ ފަރާތުން އަލަށް ތަޢާރަފްކުރަން ތައްޔާރުވެފައިވާ "އިންފިނިޓީ ޕޯޓަލް"ގައި މަސައްކަތް ކުރަމުންނެވެ. އެ ޕޯޓަލް އަކީ އިންވެސްޓަރުންނަށް އޮންލައިންކޮށް ޑިޕޮސިޓަރީ އެކައުންޓެއް މެދުވެރިކޮށް އައިޕީއޯ ތަކުގެ ހިއްސާ ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް، އަދި ބްރޮގަރެއްގެގޮތުގައި މަޝްހޫރުވެފައިވާ ސ.ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު، ގަސްތުގައި ބަޔަކު ޙަމަލާދީ މަރާލާފައިވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނީ ރޭ މެންދަމު 2:59 ހާއިރު މާފަންނު ބިސްބުރު ކައިރީގައި ހުރި ގެއެއްގެ ސިޑިކައިރިންނެވެ. ޔާމީންގެ ބޮލާއި ކަރާއި މޭމަތީގެ 14 ތަނަކަށް ވަޅިހަރާފައިވެއެވެ.