ޚަބަރު

ޔާމީންގެ މަރު : ފުލުހުންގެ ޚާއްސަ ތަހުޤީގު ޓީމެއް އެކުލައިފި


ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަޙްޤީޤް ކުރުމަށް ފުލުހުން ޚާއްސަ ޓީމެއް އެކުލަވާލައްވައިފިއެވެ. 

މޯލްޑިވްސް ޕޮލިސްސަރވިސްއިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޔާމީންގެ މަރުގެ މައްސަލަ ތަހުޤިޤު ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލައި، އެ ޓީމުގެ ބެލުމުގެ ދަށުން މިމައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާކަމަށެވެ. އަދި މިމައްސަލައިގެ ތަޙްޤީޤަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް އެންމެ މަތީ ދަރަޖައަށް ބޭނުންކުރާނެކަމަށް އެބަޔާނުގައިވެއެވެ. 

ފުލުހުން ވިދާޅުވީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤް ކުރައްވަމުން ގެންދަވާކަމަށެވެ. މިމައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު މަރުވިމީހާގެ ހަށިގަނޑު އޭނާގެ ޢާއިލާއާ ޙަވާލުކޮށްފައިވާކަމަށާއި، މިމައްސަލައާ ގުޅިގެން މަރުވި މީހާގެ ޕޯސްޓް މޯޓަމް ހަދަން ބޭނުން ނުވާކަން ޢާއިލާއިން ރަސްމީކޮށް ފުލުހުންނަށް އަންގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.ރޭ މެންދަމުން އަލިވެ 2:59 އެހައިކަންހާއިރު، މިޒުވާނާ ގެއެއްގެ ސިޑިކައިރިން ޒަޚަމްތަކަކާއެކު ފެނުމާއެކު އައިޖީއެމްއެޗަށް ގެންދިޔަކަމަށާ، އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.