ޚަބަރު

ފިޔޯރީއަށް ވަގުތީގޮތުން ކަރަންޓުދީފި




މިދިޔަ ހުކުރު ދުވަހު ގދ. ފިޔޯރީގެ އިންޖީނު ގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު، ރޭފަތިހު ވަގުތީ ގޮތުން އެރަށަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގއ. ދެއްވަދޫ އިން 180 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ރޭ ފަތިހުގެ 4:15 އެހައިކަންހާއިރު، އެރަށް ވަގުތީ ކަރަންޓު ދީފައިވާކަމަށެވެ. މި އިންޖީނު އިންސްޓޯލް ކޮށްފައިވަނީ އަލިފާނުގެ ހާދިސާ ހިނގި އިންޖީނު ގޭގެ އަސްކަނި ދަށުގައި ކަމަށް ވެސް ފެނަކައިން މަޢުލޫމާތުދެއެވެ. ފެނައިން ބުނީ ފިޔޯރީގައި އެރަށުގެ ރައްޔިތުން ކުރިން ހަދާފައިހުރި އިންޖީނުގެ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ދާއިމީ ގޮތެއްގައި އެރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އިންޖީނުގެ މަރާމާތު ކުރުމަށް ފަހު ފިޔޯރީއަށް ދާއިމީ ކަރަންޓް ދޭން މަހެއްހާ ދުވަސް ނަގާނެ ކަމަށް ވެސް ފެނަކައިން މަޢުލޫމާތުދެއެވެ.

tw:https://twitter.com/TeamFenaka/status/855928519418707972  މިދިޔަ ހުކުރުދުވަހު ފިޔޯރީ އިންޖީނުގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ވަނީ އިންޖީނުގޭގެ ޓެކްނީޝަން އެ ރަށު ޗިޗަންޑާގޭ، ޢުމުރުން 26 އަހަރުގެ ނާޒިދް އަބްދުﷲ، މަރުވެފައެވެ. ޙާދިސާ ހިނގިއިރު އޭނާ ހުރީ ޑިއުޓީގައެވެ.