ކުޅިވަރު

ގޮފިން ބަލިކޮށް ނަދާލް 11 ވަނަ މޮންޓެ ކާލޯ މާސްޓާސް ފައިނަލަށް


ފަސޭހަކަމާއިއެކު ޑޭވިޑް ގޮފިން ބަލިކޮށް މެންޓެ ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ފައިނަލުން އެގާރަވަނަ ފަހަރަށް ރަފައެލް ނަދާލް ޖާގަ ހޯދައިފިއެވެ.

މެންޓެ ކާލޯ މާސްޓާސް ޓެނިސް މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ނަދާލް ސެމީ ފައިނަލްގައި ޑޭވިޑް ގޮފިން ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 6-3 އަދި 6-1ންނެވެ. ޑޭވިޑް ގޮފިން ސެމީން ޖާގަ ހޯދީ ނޮވަކް ޖޮކޮވިޗް ބަލިކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

ރެކޯޑް އަދަދެއްކަމަށްވާ 10 ފަހަރު މެންޓެ ކާލޯ މާސްޓާސް ކާމިޔާބުކޮށްފައިވާ ނަދާލްއަކީ ކްލޭ ކޯޓުގައި ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ ކުޅުންތެރިއެކެވެ.

މެންޓެ ކާލޯ މާސްޓާސްގެ ފައިނަލްގައި ނަދާލް ނިކުންނާނީ ސްޕެއިންގެ އަލްބާޓް ރާމޯސްއާއި ދެކޮޅަށެވެ. ދުނިޔޭގެ އެއްނަންބަރު ޓެނިސް ކުޅުންތެރިޔާ އެންޑީ މަރީ މުބާރާތުން ކަޓުވާލި ރާމޯސް ފައިނަލުން ޖާގަ ހޯދީ ފްރާންސްގެ ލޫކަސް ޕޫލޭ 6-3، 5-7، އަދި 6-1ންނެވެ.

ނަދާލްއާއި ދެކޮޅަށް ރާމޯސް ނިކުންނަ ފައިނަލަކީ އޭނާގެ ކެރިއަރުގެ ފުރަތަމަ މާސްޓާސް ފައިނަލެވެ.