ކުޅިވަރު

އެލް ކްލަސިކޯ މެޗަކީ ލީގް ޑިސައިޑިން މެޗެއް ނޫން - ޒިދާން


މިރޭ ސްޕެއިންގެ ލަލީގާގައި ރެއާލް އާއި ބާސެލޯނާ ބައްދަލުކުރާ މެޗަކީ ލީގު ޑިސައިޑިން މެޗެއް ނޫންކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިރޭގެ އެލް ކްލާސިކޯ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ ލީގު ނަގާނެއް ޓީމެއް މި މެޗުން އަދި އެނގިގެން ނުދާނެ ކަމަށެވެ. އެހެންނަމަވެސް މިއީ ވަރަށް މުހިއްމު މެޗެއް ކަމަށާއި މެޗަށް ނިކުންނާނީ އެވަރު ދަނެގެން މެޗު ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި ބާސެލޯނާ އާއި ދެކޮޅަށް ނިކުންނައިރު ރެއާލް އަކީ ފޭވަރިޓުންގެ ގޮތުގައި ނުބެލޭނެ ކަމަށްވެސް ޒިދާން ބުންޏެވެ. 

މީގެ އިތުރުން އޭނާ ބުނީ ރެއާލްއަށް ލީގުގައި ބާކީ ހަތް މެޗު އެބައޮތް ކަމަށާއި މިއިން ކޮންމެ މެޗަކީވެސް އެހާ މުހިއްމު މެޗުތަކެއް ކަމުގައި އަދި ޓީމު ކުރިއަށްދާނީ ފަހަރަކު މެޗަކާ މެދު ވިސްނަމުން ކަމުގައެވެ.

"މިރޭގެ މެޗުގައި ފޭވަރިޓުންނަކީ އަހަރުމެނެއް ނޫން، މި މެޗުން މޮޅުވުމަކުން އަދި ލީގް ޔަގީނެއް ނުވާނެ" ޒިދާން ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ރެއާލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތް ބޭލް މެޗުން ފެނިގެންދާނެ ކަމުގައި އިޝާރާތެއް ޒިދާން ވަނީ ދީފައެވެ. އެހެންނަމަވެސް އޭނާ މެޗު ފަށާނެ ކަމެއް ނުވަތަ ނޫންކަމެއް ޒިދާން ނުބުނެއެވެ. ޗެމްޕިއަންސް ލީގުގައި ރެއާލް އެންމެ ފަހުން ބަޔާން މިޔުނިކް އާއި ބައްދަލުކުރި މެޗުގައި ބޭލް އަނިޔާގެ ސަބަބުން ބައިވެރިވެފައެއް ނުވެއެވެ.

ލަލީގާގެ އެންމެ ކުރީގައި ރެއާލް އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކު ދެވަނާގައި އޮތް ބާސެލޯނާއަށްވުރެ އެއްމެޗު މަދުން ކުޅެގެންނެވެ. 

އަނެއްކޮޅުން ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިރޭގެ މެޗަކީ ލީގު ޑިސައިޑިންގ މެޗަކަށް ވެދާނެކަމުގައެވެ. އެންރީކޭ ބުނީ މިމެޗަކީ ރެއާލްއަށް ލީގު ހޯދުމަށް މުހިއްމު މެޗެއް ކަމަށާއި އަދި ބާސެލޯނާއަށް ލީގު ހުޅުވާލުމަށްވެސް މުހިއްމު މެޗެއް ކަމަށެވެ.

img:http://s4.psmnews.mv/images/660x400/14929211367449.jpg|ބާސެލޯނާގެ ކޯޗް ލުއި އެންރީކޭ / ފޮޓޯ : ޒިންޙުއާ

މިރޭގެ މެޗު ރެއާލް ކާމިޔާބުކޮށްފިނަމަ އެޓީމް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ދެން ބޭނުންވާނީ ބާކީ އޮތް ހަ މެޗުން އެންމެ ނުވަ ޕޮއިންޓެވެ.

އެންރީކޭ އިތުރަށް ބުނީ ރެއާލް އާއި ކުޅެން ޖެހުމަކީ ބާސެލޯނާ ކުޅުންތެރިންނަށް އިތުރު ހިއްވަރެއް ލިބޭ ކަމެއް ކަމަށާއި ޗެމްޕިއަންސް ލީގުން ކެޓުމަށްފަހު ދެން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ރެއާލްއާއި ވާދަކުރަންޖެހުމަކީ ޓީމު ކުޅުންތެރިންގެ މޯޓިވޭޝަންވެސް ރަނގަޅުވެ އިތުރު ހިއްވަރެއް ލިބިގެންދާނެ ކަމެއް ކަމުގައެވެ.

"މިރޭ މެޗުން ރިއާލް މޮޅުވެއްޖެއްޔާ ލީގު ގެއްލުނީ، އަހަރުމެންނަށް ފުރުސަތެއް އޮތީ މެޗުން މޮޅުވެގެން، އެކަން ދަނެގެން މި މެޗަށް ނިކުންނަނީ" އެންރީކޭ ބުންޏެވެ.

މިރޭގެ މެޗަށް މެސީ ނިކުންނާނީ ބާސެލޯނާއަށް 500 ލަނޑު ރެއާލްގެ ދަނޑުގައި ހަމަކޮށްދިނުމުގެ އަޒުމުގައެވެ. ލައެނަލް މެސީ މިހާތަނަށް ވަނި ބާސެލޯނާއަށް 498 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެހެންނަމަވެސް ލަލީގާގެ ލަނޑު ޗާޓުގެ އެންމެ ކުރީގައި 29 ލަނޑާއެކު އުޅޭ މެސީވަނީ ރެއާލް އާއި އެންމެ ފަހުން ބައްދަލުކުރި ހަ މެޗުގައިވެސް ލަނޑެއް ޖެހުމަށް ނުކުޅެދިފައެވެ. އެންމެ ފަހުން މެސީ ރެއާލް ކޮޅަށް ލަނޑެއް ޖަހާފައިވަނީ ދެހާސް ސާދަވަނަ އަހަރުގައެވެ. 

މިރޭގެ މެޗުގައި ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާއަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެއެވެ.