ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ


ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިއަހަރުގެ ތެރޭގައި ޗައިނާގެ އިތުރު މަންޒިލަކަށް ދަތުރުތައް ފަށާނެކަމަށް އެ އެއަރލައިނުން ހާމަކުރައްވައިފިއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް ޢަލީ ނަޝާތު ވިދާޅުވީ، މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފުޅާކުރުމަށްޓަކައި ޗައިނާގެ އިތުރު މަންޒިލްތައް ބަލަމުންދާކަމަށެވެ. ނަޝާތު ވިދާޅުވީ، މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށިފަހުން މިވީ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށިފަހުން މިވީ ހަތަރު އަހަރުދުވަހުގެ ތެރޭގައި އެ އެއަރލައިނުން ގެންދަނީ، އެޤައުމުގެ ހަ ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. ނަޝާތު ވިދާޅުވީ، ޗައިނާ މާކެޓަކީ މުސްތަޤްބަލް އޮތް މާކެޓެއްކަމަށެވެ.

ޗައިނާގެ އިތުރުން މޯލްޑިވިއަނުން އަންނަނީ، ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ އުދުހުންތައް ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން މޯލްޑިވިއަނުން ވަނީ، އަވަށްޓެރި ސްރީލަންކާގެ ރަތަމަލާނާ އެއަރޕޯޓަށް އެ އެއަރލައިންގެ އުދުހުންތައް އަންނަމަހު ފަށާނެކަން އިޢުލާންކުރައްވާފައެވެ.