ދުނިޔެ

ފްރާންސްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި


ވިލާތުގެ ޤައުމުތަކުގެ ތެރެއިން ފަރަންސޭސިވިލާތަކީ ފަހަކަށް އައިސް ޓެރަރިސްޓް ޖަމާޢަތްތަކުގެ ގިނަ ޢަދަދެއްގެ ނުރައްކާތެރި ޙަމަލާތަކެއް އަމާޒުވެފައިވާ ގައުމެކެވެ. ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ފަރަންސޭސިވިލާތުގެ އެކި ހިސާބުތަކުގައި ދީފައިވާ ޓެރަރިސްޓް އެކި ޙަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޙަމަލާއަކީ ދެހާސް ފަނަރަވަނަ އަހަރުގެ ނޮވެމްބަރު މަހު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ އެކި ސަރަޙައްދުތަކަށް ދިން ބޮމާ ބަޑީގެ ހަމަލާތަކެވެ. މިހަމަލާތަކުގައި ސަތޭކަ ތިރީސް މީހުން ވަނީ މަރުވެފައެވެ.

ފަރަންސޭސިވިލާތުގައި ފަހަކަށް އައިސް ދީފައިވާ ގިނަ ޙަމަލާތަކުގެ ފަހަތުގައި ވަނީ މެދު އިރުމަތީގައި ހަރަކާތްތެރިވަމުންދާ އައި.އެސް. ޖަމާޢަތުގެ ހަނގުރާމަވެރިން ކަމަށް ފަރާންސޭސިވިލާތުގެ ސަލާމަތީ ބާރުތަކުން ބުނާއިރު މީގެ ތެރެއިން ގިނަ ޙަމަލާތަކުގެ ޒިންމާ އައި.އެސް. ޖަމާޢަތުން ވަނީ އުފުލާފައެވެ. ހުކުރު ދުވަހުން ޕެރިހުގެ ތާރީޚީ ތަނެއް ކަމަށް ޗެމްޕްސް އެލީސީސް ކައިރިން ދިން ބަޑީގެ ޙަމަލާގެ ފަހަތުގައި ވަނީ އައި.އެސް. ޖަމާޢަތާ ގުޅުން ހުރި މީހެއް ކަމަށް ފަރަންސޭސިވިލާތުގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/14928586919940.jpg|ފްރާންސްގައި ދިން ޙަމަލާއަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި / މިކަމުގެ އަސަރު އިންތިޚާބަށް ކުރާނެކަމަށް ބެލެވޭ

ހުކުރު ދުވަހުގެ ޙަމަލާގައި ފަރަންސޭސިވިލާތުގެ ފުލުހުންގެ މީހެއް މަރުވިއިރު އިތުރު ދެ މީހަކު ވަނީ ޒަޚަމްވެފައެވެ. އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކުރިން ވެރިރަށް ޕެރިހުގައި މިފަދަ ޙަމަލާއެއް ދިނުމާއެކު މުޅި ފަރަންސޭސިވިލާތް ނުތަނަވަސް ވެފައެވެ. ރިޔާސީ އިންތިޚާބުގައި އެގާރަ ކެނޑިޑޭޓުން ވާދަ ކުރައްވާއެވެ. ނަމަވެސް، ހުކުރު ދުވަހުގެ ޙަމަލާގެ ސަބަބުން އިންތިޙާބުގައި ކުރި ލިބިވަޑައިގަންނަވާނީ ކަނާތު ފިޔައިގެ ނޭޝަނަލިސްޓް ޕާޓީގެ ފަރާތުން ވާދަކުރައްވާ މެރީން ލަ ޕެންނަށް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަޕް ވަނީ ވިދާޅުވެފައެވެ.

އެސޯސިއޭޓަޑް ޕްރެސް އަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ރައީސް ޓްރަޕް ވިދާޅުވީ، ލަ ޕެންނަށް އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ފުރުޞަތު މިހާރު ބޮޑުވެފައިވާ ކަމަށާ އެއީ ފަރަންސޭސިވިލާތުގައި މިހާރު ހިނގަމުންދާ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންމެ އެކަށީގެންވާ ސިޔާސަތްތަކެއް ގެންގުޅުއްވަނީ އޭނާ ކަމަށް ވާތީ ކަމަށެވެ. އަދި ފަރަންސޭސިވިލާތުގެ ސަރަޙައްދީ ރޮނގުތައް ވަރުގަދަ ކުރުމަށް ލެ ޕެން ގެންގުޅުއްވާ ސިޔާސަތުތަކަށް ގިނަ ޢަދަދެއްގެ ބައެއްގެ ތާޢީދު ލިބޭނެ ކަމަށް ވެސް ޓްރަންޕް ވިދާޅުވިއެވެ. ނަމަވެސް، މީގެ މާނައަކީ އެމެރިކާއިން ލެ ޕެން އަށް ތާޢީދު ކުރުން ނޫން ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14928587448802.jpg|އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ބެލެވޭ މެރީން ލަ ޕެން

ލެ ޕެން ވަނީ ރައީސް ކަމަށް ހޮވި ވަޑައިގަންނަވައިފިނަމަ ފަރަންސޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތައް މިހާރަށް ވުރެ ވަރުގަދަ ކުރައްވާނެ ކަމަށާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. މާދަމާގެ ރިޔާސީ އިންތިޚާބުގައި ލެ ޕެންއާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ސެންޓްރިސްޓް ކެޑިޑޭޓް އެމެނުއަލް މެކްރޯންއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަރަންސޭސިވިލާތުގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުން މެކްރޯން ކުރި ހޯއްދެވި ނަމަވެސް އިއްޔެގެ ޙަމަލާއަށްފަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުން ކުރި ހޯއްދަވާފައިވަނީ ލެ ޕެން ކަމަށް ފަރަންސޭސިވިލާތުގެ ނޫސްތަކުން ބުނެއެވެ. ފަރަންސޭސިވިލާތުގެ ސަރުކާރުގައި ކުރިން އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ މެކްރޯން ވަނީ ރިޔާސީ ކެމްޕޭންގައި ލެ ޕެން ކުރައްވާފައިވާ ވަޢުދުތަކަށް ފާޑުވިދާޅުވެފައެވެ. މެކްރޯން ވިދާޅުވީ، ފަރަންސޭސިވިލާތުގެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާ އެނޫން ގޮތަކަށް ވާހަކަ ދައްކާ މީހަކީ ޒިންމާދާރުކަން ކުޑަ މީހެއް ކަމަށެވެ.

އާދިއްތަ ދުވަހުގެ ރިޔާސީ އިންތިޙާބުން އެއް ބޭފުޅަކަށް އަޣްލަބިއްޔަތު ލިބިވަޑައިނުގަންނަވައިފިނަމަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ދެ ބޭފުޅުންގެ މެދުގައި ދެވަނަ ބުރެއް ބާއްވާނެއެވެ. ދެވަނަ ބުރު ވޯޓުލުން ކުރިއަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ.