ޚަބަރު

އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން ދެނެގަތުމަށް ސަރވޭއެއްކޮށްފި


އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން ދެނެގަތުމަށްޓަކައި އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ވިމެން އޮން ބޯޑްސްއިން ކުރި ސަރވޭގެ ރިޕޯޓް ނެރެފިއެވެ.

މި ރިޕޯޓް ނެރެދެއްވާފައިވައިނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ދުންނާ މައުމޫނެވެ. ވިމެން އޮން ބޯޑްސްއިން މި ދިރާސާކޮށްފައިވަނީ އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން ދެނެގަތުމަށްޓަކައި، ރާއްޖޭގެ ހުރިހާ ކަންކޮޅެއް ޝާމިލްވާ ގޮތަށް ކުރެވުނު ސަރވޭއެއްގެ އަލީގައިކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިމެން އޮން ބޯޑްގެ ނައިބްރައީސް ޑރ.އައިޝަތު މުނީޒާ ވިދާޅުވީ، އެޖަމްޢިއްޔާގެ އެންމެ ބޮޑު ބޭނުމަކީ އަންހެނުން ބާރުވެރިކުރުވުންކަމަށާއި، އިޤްތިޞާދީ ގޮތުން ފުދުންތެރިކަމާ ނުލާ ލީޑަރޝިޕް ރޯލާހަމައަށް އަންހެނުންނަށް ނާދެވޭނެކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް މިދިރާސާއިން އެނގިގެންދާނެކަމަށް ޑރ. މުނީޒާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމާއި، ރެޖިސްޓްރާ އޮފް ކޮންޕެނީޒް މަރިޔަމް ވިޝާމް ބައިވެރިވެވަޑައިގެންފައިވެއެވެ. ވިމެން އޮން ބޯޑްސްއަކީ އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.