ޚަބަރު

ފިޔޯރީއަށް މިއަދުގެ ވަގުތެއްގައި ކަރަންޓް ފޯރުކޮށްދެވޭނެ- ފެނަކަ


ގދ. ފިޔޯރީ އިންޖީނުގޭގައި އިއްޔެ ހިނގި ނުރައްކާތެރި ޙާދިސާއާއި ގުޅިގެން އެރަށުން ކަރަންޓް ކެނޑިފައިވާތީ، އަލުން ކަރަންޓް ފޯރުކޮށްދިނުމަށް ބެކަޕް ޖަނަރޭޓަރެއް ގެންގޮސް، އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފެނަކަ ކޯރޕަރޭޝަނުން ބުނެފިއެވެ.

އިއްޔެ އެރަށު އިންޖީނުގޭގައި ބެޓަރިއެއް ގޮވައި، ހިނގި މި ޙާދިސާގައި މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ، ގއ. ދެއްވަދޫގައި ހުރި 160 މެގަ ވޯލްޓްގެ ބެކްއަޕް ޖަނަރޭޓަރ ރޭގެ ވަގުތެއްގައި ވަނީ ފިޔޯރީއަށް ގެންގޮސްފައެވެ. ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، ފުލުހުންގެ ތަޙުޤީޤަށް އެރަށުގެ އިންޖީނުގެ ހިމެނޭ ސަރަޙައްދު ބަންދުކޮށްފައިވާތީ، އިންޖީނުގެ ކައިރީގައި ވަގުތީ ސެޓަޕެއް ތައްޔާރުކުރުމުގެ މަސައްކަތް ރޭ އެކުންފުނިން ކޮށްފައިވާކަމަށެވެ. ނަމަވެސް އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން އެރަށުގައި ކުރިން ބޭނުންކުރަމުން އައި އިންޖީނުގެއަށް އެ ސެޓަޕް ބަދަލުކޮށް، ޖަނަރޭޓަރ އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ، މިއަދު މެންދުރުގެ ވަގުތެއްގައި މުޅި ރަށަށް ކަރަންޓް ދެވޭ ވަރު ވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އިއްޔެ މެންދުރު ފިޔޯރީ އިންޖީނުގޭގައި ހިނގި މި ޙާދިސާގައި އިންޖީނުގޭގައި މަސައްކަތް ކުރަމުންދިޔަ އެރަށު ޗިޗަންޑާގޭ ޢުމުރުން 26 އަހަރުގެ ނާޒިދު ޢަބްދުﷲ ވަނީ މަރުވެފައެވެ. މިހާތަނަށް ބެލި ބެލުމުން މިޙާދިސާ ހިނގަން މެދުވެރިވީ އިންޖީނުގޭގައި ހުރި ބެޓެރިއެއް ގޮވުމުގެ ސަބަބުންކަމަށާއި، މިކަން އިތުރަށް ބެލުމަށްޓަކާ ގދ. ތިނަދޫގައި މަސައްކަތްކުރާ ފެނަކައިގެ އިންޖިނިއަރިންގ ޓީމަކާއި، ފުލުހުންގެ ޙާއްސަ ޓީމެއް މިހާރުވެސް ފިޔޯރީގައި ހަރަކާތްތެރިވަމުންދާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. ފިޔޯރޯއަށް އަލުން ކަރަންޓުގެ ޙިދުމަތް ދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގައި އެރަށުގެ ރައްޔިތުންނާއި، ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި، އެހީތެރިކަމެއް ލިބެމުންދާކަން ފެނަކައިން ފާހަގަކުރެއެވެ. އާބާދީގައި ގާތްގަނޑަކަށް 800 މީހުން ދިރިއުޅެމުން އަންނަ ފިޔޯރީގައި ކަރަންޓުގެ ޙިދުމަތްދިނުމަށްޓަކާ ފެނަކައިން ކުރިން ބޭނުން ދިޔައީ، 250 މެގަ ވޯލްޓްގެ ޖަނަރޭޓަރެކެވެ.