ކުޅިވަރު

ކޮލިފައިންގައި 19 އަހަރުން ދަށުގެ ޓީމް އުއްމީދީ ގްރޫޕަކަށް!


އަންނަ އަހަރު އިންޑޮނީޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ސާކް ސަރަހައްދުގެ ސްރީލަންކާ އަދި ބަނގްލަދޭޝްއާ އެއް ގްރޫޕެއްގައި ދިވެހިރާއްޖެ ލައްވާލައިފިއެވެ. 

މިއަދު ނެގި ގުރުއަތުލުމުގައި ދިވެހިރާއްޖެ ލައްވާލީ ގްރޫޕް ބީ ގައިއެވެ. ގްރޫޕް ބީގައި ދިވެހިރާއްޖެއާއިއެކު ހިމެނެނީ ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އުޒްބެކިސްތާނާއި ތަޖިކިސްތާނެވެ. 

ޖުމްލަ 43 ގައުމު 10 ގްރޫޕަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕަކުން ކޮލިފައިވާނީ އެއްވަނަ ހޯދާ ދިހަ ޓީމާއި، ދެވަނަ ހޯދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމެވެ. މި 15 ޓީމްގެ ތެރޭގައި މުބާރާތް ބާއްވާ ގައުމު އިންޑޮނީޝިޔާ ހިމެނިއްޖެނަމަ ދެވަނަ ހޯދާ ޓީމްތަކުގެ ތެރެއިން އިތުރު ޓީމަކަށް ފުރުސަތު ލިބޭނެއެވެ. 

ކޮލިފައިން ބުރުގެ މެޗުތައް ކުރިއަށްދާނީ މިއަހަރު އޮކްޓޯބަރު 31 ން ނޮވެމްބަރު 8 ވަނަ ދުވަހުގެ ނިށަލަށެވެ. ކޮންމެ ގްރޫޕެއްގެ ކޮލިފައިން މެޗުތައް ކުޅޭނީ ގްރޫޕްގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ކޮންމެވެސް އެއް ގައުމެއްގައެވެ. 

ކޮލިފަންގގައި ވާދަކުރާ ރާއްޖޭގެ ޓީމްގެ ކޯޗު އަދި ހަމައެއް ނުޖައްސައެވެ. މިދިޔަ އަހަރު ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމަށް އިރުޝާދު ދީފައިވަނީ މުހައްމަދު ޝާހިދެވެ. 

އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑޮނީޝިޔާގައެވެ.