ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން 2017" ސާޖިދާ މުފީދު ހޯދައިފިއެވެ.
މިއަހަރުގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރަކަށް ސާޖިދާ ހޮވުނީ އެ މުބާރާތުގައި އޭނާއަށް ވާދަކުރި މުޙައްމަދު އިބްރާހިމާއި ފާތިމަތު ސުނީތާއާ ވާދަކޮށްގެންނެވެ. މުބާރާތުގައި ވަނަވަނައަށް އައި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުން އޮތީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ 2017ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 64 ބައިވެރިން ވަނީ ބައިވެރިވެފައެވެ. ރޭޑިއޯ ޕްރެޒެންޓަރަކު ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި މުބާރާތައް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގައި މާކްސް ދީފައި ވަނީ ޖަޖުންގެ އަށްޑިހަ ފަހެއް އިންސައްތަ މާކްސްއާއި ރެޑިއޯގެ އެހުންތެރިންގެ ވޯޓުން ބާކީ ފަނަރަ އިންސައްތަ ލިބޭގޮތަށެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ 2017ގެ ފަޚުރުވެރި އެއްވަނަ ސާޖިދާ މުފީދު ހޯދިއިރު ދެވަނަ ހޯދީ މުޙައްމަދު އިބްރާހީމެވެ. އަދި ތިންވަނަ ހޯދާފައިވަނީ ފާޠިމަތު ސުނީތާއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑރ.އަޝްރަފް ޢަބްދުއްރަޙީމެވެ. އަޝްރަފް ވިދާޅުވީ ރޭޑިއޯ ޕްރެޒެންޓަރަކަށްވިޔަސް، ޓީވީ ޕްރެޒެންޓަރަކަށްވިޔަސް ދިވެހިބަހުގެ ޤަވާޢިދާއި ހަމަތަކުގެ މަތިން ޕްރެޒެންޓް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
img:http://s1.psmnews.mv/images/660x400/14927808931760.jpg|ދިވެހިރާއްޖޭގެ އަޑުގެ "ބެސްޓް ރެޑިއޯ ޕްރެޒެންޓަރ 2017" ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ޕޮޓޯ: ޕީއެސްއެމް
މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފު ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ވާނީ، ރޭޑިއޯގެ ޙަޔާތަށް މުޅިން އާ ފެށުމެއް އަންނާނެ ދުވަސްވަރަކަށް ކަމަށެވެ.
img:http://s1.psmnews.mv/images/660x400/14927807175197.jpg|ދިވެހިރާއްޖޭގެ އަޑުގެ "ބެސްޓް ރެޑިއޯ ޕްރެޒެންޓަރ 2017" ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ޕޮޓޯ: ޕީއެސްއެމް
މި ރަސްމިއްޔާތުގައިވަނީ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ 2017ގައި ބައިވެރިވެ ގަދަ ދިހައަކަށް އައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި މުބާރާތުގެ ގަދަ ތިނެއްގައި ވާދަކުރި ބައިވެރިން ޕީއެސްއެމްއާ ވާހަކަދައްކަމުން ބުނީ ޕްރެޒެންޓް ކުރުމަކީ ހީކުރި ވަރަށްވުރެ އުނދަގޫ މަސައްކަތެއް ކަމަށެވެ.