ޚަބަރު

ޤާސިމްގެ ބަންދަށް 15 ދުވަސް !


ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްދެއްވައިފިއެވެ. 

ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ދެވަނަފަހަރަށް ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ ޤާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން ރޭ ޤާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން އެނާ ދިރިއުޅުއްވާ ގެއިންކަމަށެވެ. ޤާސިމް ހައްޔަރުކުރުމަށް ކޯޓް އަމުރަކަށް މިފަހަރު  އެދިވަޑައިގެންފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމެވެ. ކޯޓް އަމުރުގައިވާގޮތުން މި ފަހަރުވެސް ޤާސިމް ހައްޔަރުކޮށްފައިވަނީ ރިޝްވަތު ދިނުމާއި ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.ކޯޓް އަމުރުގައި ވާގޮތުން ޤާސިމް ހައްޔަރުކުރީ ރައްޔިތުން މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖީލީހަށް ހުށައެޅޭނީ މަޖިލީހުގެ ސާޅީސް ދެ މެންބަރުންގެ ސޮޔާއެކުކަމަށް މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ވެއްދުމަށް ސާޅިސް ދެ މެންބަރުންގެ ސޮއި ހޯދުމަށް މަޖިލީހުގެ އެކިއެކި މެންބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުވައި ޤާނޫނާ ޚިލާފް މަސައްކަތްތަކެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭތީކަމަށެވެ.މީގެއިތުރުން ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް ޤާސިމް މަސައްކަތް ކުރައްވަމުންދާކަމަށް ތުހުމަތުކުރެވޭކަމަށް ވެސް ކޯޓް އަމުރުގައިވެއެވެ. ގާސިމް އިބްރާހީމް މުޖްތަމައަށް ދޫކޮށްލާފައި ބެހެއްޓުމަކީ މައްސަލައިގެ ތަޙްޤީގަށް ބޮޑެތި ހުރަސްތަކެއް އެޅި، ލިބެން ހުރި ހެކި ފޮރުވައި އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޯޒު ފޯރުވައި އެހެކި ނައްތާލުމަށް ފުރުޞަތު ތަނަވަސްވެގެން ދާނެކަމެއްކަމަށެވެ. އަދި ޤާސިމް އިބްރާހީމް މުޖްތަމަޢަށް ދޫކޮށްލާފައި ބެހެއްޓުމަކީ މުޖްތަމައަށް ސަލާމަތަށް ނުރަކަލެއްކަމަށް ފެންނަކަމެއްކަމަށްވެސް ކޯޓް އަމުރުގައިވެއެވެ. ޤާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ބުދަދުވަހު ޤާސިމް ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ބަޔާން ނަގާފައެވެ. އަދި ޤާސިމް ދިރިއުޅެއްވާ ގެއާއި ވިލާ ބިލްޑިންގވެސް ވަނީ ބަލައި ފާސްކޮށްފައެވެ.ރޭ ޤާސިމް ހައްޔަރުކޮށްފައިވާއިރު، މިމަގުގެ 6 ވަނަދުވަހުގެ ރޭވެސް ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއެވެ. އެހެންނަމަވެސް އޭގެ 6 ދުވަސް ފަހުން ޤާސިމް ދޫކޮށްލަން ހައި ކޯޓުން ކުރެއްވި އަމުރަކާއެކު އޭނާ ވަނީ ދޫކޮށްލާފައެވެ.ޤާސިމްގެ މައްޗަށް ދައުލަތުން އަންނަނީ ތިން ދަޢުވާއެއް ކުރައްވަމުންނެވެ. މި ދައުވާގެ ޝަރީއަތްތައް ވަނީ ކްރިމިނަލްކޯޓްގައި ފަށާފައެވެ. 

ދައުލަތުން ޤާސިމްގެ މައްޗަށް ކުރައްވަނީ، ރިޝްވަތު ހުށައަޅަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށުގެ ދަޢުވާއާއި، ވޯޓް ދޭންހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާއެވެ. މި ކުށްތައް ޤާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވެއްޖެނަމަ އެނާ ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި އޭނާއަށް ގެއްލުމުގެ ފުރުޞަތު އެބައޮތެވެ.