ޚަބަރު

މަރުވި ޒުވާނާގެ ޢާއިލާއަށް ސަރުކާރުން ޚާއްސަ ޢިނާޔަތެއް!


ގދ.ފިޔޯރީގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި މަރުވި ނާޒިދް އަބްދުﷲގެ ޢާއިލާއަށް ސަރުކާރުން ޚާއްސަ ޢިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. 

ނާޒިދްގެ އާއިލާއަށް ސަރުކާރުން ޚާއްސަ ޢިނަޔާތެއް ދެއްވަން ރައީސް ނިންމެވިކަން ހާމަކުރައްވާ ރައްޔިތުން މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނާޒިދުގެ އާއިލާ މެމްބަރަކަށް ވަޒީފާއެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ. 

މިއަދު ހުކުރު ވަގުތު ހިނގި ހާދިސާގައި ޢުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ މަރުވެފައިވަނީ އިންޖީނުގޭގައި ބޭނުންކުރަމުންދާ ބެޓެރިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައެވެ. 

އެނާގެ ހަށިގަނޑު އެއްކޮށް ފިހިފައިވާކަމަށާއި ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ގދ.ފިޔޯރީ ހެލެތް ސެންޓަރުން މައުލޫމާތުދެއެވެ. 

ނާޒިދަކީ ގދ.ފިޔޯރީ އިންޖީނުގޭގައި ޑިއުޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ. މިއަދުގެހާދިސާ ހިނގިއިރު އިންޖީނުގޭގައި ހުރީ ނާޒިދު އެކަންޏެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު ކަރަންޓް ކެނޑުނުކަމަށާއި އަދި ގަދަ އަޑެއް އިވުނުކަމަށް އިންޖީނުގެ ކައިރީ ދިރިއުޅޭ މީހުން ބުނެއެވެ.