ކުޅިވަރު

ސެމީގައި ރެއާލް އާއި އެތްލެޓިކޯ އަދި މޮނާކޯ އާއި ޔުވެންޓަސް


ޔުއެފްއާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި މިދިޔަ ސީޒަންގެ ފައިނަލްގައި ކުޅުނު މެޑްރިޑްގެ ދެ ޓީމް އަނެއްކާވެސް ވާދަކުރަން ޖެހިއްޖެއެވެ.

މިއަދު ހަވީރު ޗެމްޕިއަންސް ލީގުގެ ގުރު ނެގިއިރު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ސެމީފައިނަލްގައި ބައްދަލުކުރަން ޖެހުނީ މިދިޔަ އަހަރު ފައިނަލްގައި ރެއާލް އަތުން ބަލިވި އެތްލެޓިކޯ މެޑްރިޑާއެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ ބާސެލޯނާ ބަލިކޮށް، ސެމީން ޖާގަ ހޯދި ޔުވެންޓަސްއާއި މޮނާކޯއެވެ.

މިމުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޑިފެންސްއެއް އޮތް ޔުވެންޓަސް މިހާތަނަށް މިމުބާރާތުގައި ކުޅުނު ދިހަ މެޗުގައި ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ.

އަނެއްކޮޅުން ފްރާންސް ލީގުގެ އެންމެ ކުރީގައި އޮތް މޮނާކޯ އަކީ މިސީޒަންގައި ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާފައިވާ ޓީމެވެ. އެހެންކަމުން މިމެޗަކީ ޑިފެންސާއި އެޓޭކްގެ މެޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް މިމުބާރާތުގައި މިހާރު އެންމެ ބެލެންސް ޓީމެއްގެ ގޮތުގައި ގިނަ ކޯޗުން ފާހަގަކޮށްފައިވަނީ ޔުވެންޓަސްއެވެ. އެއީ އެޓީމްގެ ޑިފެންސާއި އެއްވަރަށް އެޓޭކްވެސް ވަރުގަދަވުމުންނެވެ.

ޔުވެންޓަސް އާއި މޮނާކޯ ޗެމްޕިއަންސް ލީގުގެ ނޮކް އައުޓް މެޗެއްގައި އެންމެ ފަހުން ކުޅުނު ދެ ފަހަރުވެސް ކުރިހޯދާފައި ވަނީ ޔުވެންޓަސްއެވެ. އެއީ 1998 ވަނަ އަހަރުގެ ސެމީފައިނަލާއި 2015 އަހަރުގެ ކުއަރޓާ ފައިނަލްގައެވެ.

ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ އާއި ރިއަލްމެޑްރިޑް ޖެހި ޖެހިގެން ޖެހޭ މިއީ ހަތަރު ވަނަ ފަހަރެވެ. މީގެކުރިން ތިން ފަހަރުވެސް ކުރި ހޯދާފައިވަނީ ރެއާލް މެޑްރިޑެވެ.