ތަޢުލީމު

މަޖީދިއްޔާގެ ދަރިވަރަކަށް ވީތީ ފަޚުރުވެރިވަން- ރައީސް ޔާމީން


ދިވެހި ޤައުމަށް މިއަދު މިދަނީ ތަރައްޤީގެ އާދަޔާ ޚިލާފު ކުރިއެރުންތަކެއް އަންނަމުންކަމަށާއި މި ކުރިއެރުމާއެކު ޤައުމުގެ އެކިދާއިރާތަކުގައި ޚިދުމަތްކުރަންވާނީ ދިވެހި ދަރިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން، އެމަނިކުފާނު ވަނީ ސްކޫލް ކުދިންނަށް ތަޢުލީމާއި ތަމްރީނު ދިނުމުގައި ބެލެނިވެރިންނާއި މުދައްރިސުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭގެތެރޭގައި ކުދިންގެ އުޅުމާއި އަޚްލާޤާއި ސުލޫކު ބައްޓަންކުރަންޖެހޭ ގޮތްތަކާމެދު ވަރަށް ތަފްސީލުގޮތެއްގައި ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުވާލެއްވީ ސްކޫލްތަކުގެ އިމްތިޙާނުތަކުގައި މަކަރު ހެދުމުގެ ގެއްލުމާއި، އޭގެސަބަބުން ދަރިވަރުންގެ މުސްތަޤުބަލަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. ރައީސް ވިދާޅުވީ، އިމްތިޙާނުގައި މަކަރުހެދުމަކީ ޤައުމު ފަނާވާން މަގުފަހިވެދާނެ ނުރައްކާތެރިކަމެއްކަމަށެވެ. ޢިލްމީ ބޭބޭފުޅުންގެ ބަސްފުޅުތަކާއި، އެކި ދިރާސާތަކުގެ އަލީގައި ރައީސްވަނީ މިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14927111206687.jpg|މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މަޖީދިއްޔާ ސްކޫލަކީ ފަޚުރުވެރި އެތައް ދަރިންނެއް އުފެއްދި ފަޚުރުވެރި މުއައްސަސާއެއްކަމަށާ، އެގޮތުގައި ކުރިއަށްއޮތްތަނުގައިވެސް މަޖީދިއްޔާ ސްކޫލު ބޭއްވެވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގެ ދަރިވަރަކަށް އެމަނިކުފާނު ވެވަޑައިގަތްކަމީ މިއަދުވެސް ފަޚުރުވެރިވެ ވަޑައިގަންނަވާކަމެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމްވެސް ވަނީ މަޖީދިއްޔާ ސްކޫލުގެ އަގުހުރި ޚިދުމަތް ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ މިހާރުގެ ތަޢުލީމީ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޕްރީ ސްކޫލުގެ ތަޢުލީމު ހިލޭ ދެއްވަން ފަށްޓަވައި، 14 އަހަރުގެ ހިލޭ ތަޢުލީމުގެ ފުރުސަތު ފަހިކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ދިވެހި ދަރިއަކީ ބާކީނުވެ ތަޢުލީމީ ނިޒާމުގެ ތެރެއިން ދިރިއުޅުމުގެ މަގު ފަހިވާނެ ދަރިއަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ދިވެހިންނަކީ އިސްލާމްދީނާއި، ދިވެހިންގެ އަމިއްލަވަންތަ ސަޤާފަތުގެ މަތީގައި ދެމިތިބި ބައެއްކަން މިއަދުގެ ކިޔަވާކުދިންނާއި، އަންނަން އޮތް ޖީލުތަކަށް ކިޔައިދީ އެކުދިންނަކީ ދިވެހިވަންތަ ދިވެހިންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އަމާޒު ކަނޑައަޅުއްވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަތީ ތަޢުލީމަށް ވާސިލްވާ ދަރިވަރުންގެ ނިސްބަތް %80 އިތުރު ކުރެއްވުމަކީ ސަރުކާރުގެ އަމާޒެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14927110998883.jpg|މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ރަސްމިޔައްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޢާއިޝަތު މުޙަންމަދު ޞާލިޙު ވިދާޅުވީ، މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމުގެ މުންނާރުކަމަށެވެ. އަދި މަޖީދިއްޔާ ސްކޫލުގެ ތަޢުލީމީ ޚިދުމަތް މުޅިރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ޤައުމުގެ އިސް މަޤާމުތަކުގައި މިއަދު ޚިދުމަތް ކުރައްވާ ގިނަ ބޭބޭފުޅުންނަކީ މަޖީދިއްޔާގެ ދަރިވަރުންކަން ފާހަގަކުރައްވައި ޕްރިންސިޕަލް ވިދާޅުވީ، އެންމެފަހުން ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި 4 ބޭފުޅުންނަކީވެސް މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންކަމީ އެސްކޫލަށް ލިބޭ ވަރަށްބޮޑު ފަޚުރެއްކަމަށެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މީގެއިތުރުން ދިގުމުއްދަތެއް ވަންދެން އެސްކޫލަށް ޚިދުމަތްކުރެއްވި، އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުންދާ ބޭފުޅުންނަށްވެސް ހަނދާނީ ލިއުން ދެއްވިއެވެ.  

މަޖީދިއްޔާ ސްކޫލަކީ މާލޭގައި ބިނާ ކުރެވުނު ސަރުކާރުގެ އެންމެ ފުރަތަމަ ސްކޫލެވެ. އެސްކޫލް ހުޅުވުނީ 1927 ވަނަ އަހަރުގެ އެޕްރީލްމަހުގެ 19 ވަނަދުވަހުއެވެ.