ތަޢުލީމު

ތަޢުލީމީ ދާއިރާ ބައްޓަންކުރާނެގޮތުގެ ތަޞައްވުރެއް އެކުލަވާލަނީ


ކުރިއަށް އޮތް ފަނަރަ އަހަރު ރާއްޖޭގެ ތަޢުލީމު ބައްޓަން ވެގެންދާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

މަޖީދިއްޔާ ސްކޫލްގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް އެ ސްކޫލްގައި މިއަދު ބޭއްވެވި ޚާއްޞަ އެސެމްބްލީގައި ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ، ތަޢުލީމީ ގޮތުން ރާއްޖެ މިއަދު ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

"އަޅުގަނޑުމެން މިއަދު މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރާއިރު ސްކޫލް ތަޢުލީމު މިވަނީ މުޅި ރާއްޖެއަށް ފެތުރިފައި. ޕްރީސްކޫލް ތަޢުލީމު ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާ 14 އަހަރުގެ ހިލޭ ތަޢުލީމު ފޯރުކޮށްދޭން މިވަނީ ފެށިފައި. ސްކޫލްތަކުގައި ކިޔަވާދެއްވާ ދިވެހި ޓީޗަރުންގެ ނިސްބަތް މިވަނީ 70 އިންސައްތަ އަށް އަރާފައި. އޯލެވެލް އާއި އެސް.އެސް.ސީ ގެ އިމްތިޙާނުތަކުން ދަރިވަރުން ފާސްވާ ނިސްބަތް މިވަނީ 70 އިންސައްތައަށް އަރާފައި." މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14926926361144.jpg|މަޖީދިއްޔާ ސްކޫލްގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ތަޢުލީމު ކުރިއެރުއްވުމުގެ ގިނަ އަމާޒުތަކެއް ޙާޞިލްކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން އޯލެވެލާއެކު އިތުރު ދެ އަހަރުގެ ތަޢުލީމް އުނގެނި މަތީ ތަޢުލީމަށް ޝަރުތު ހަމަވާ ދަރިވަރުންގެ އިންސައްތަ، 80 އިންސައްތައަށް ގެންދެވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކުން މިނެ، ދުނިޔޭގެ ފެންވަރުގެ ހުނަރު އުފައްދައި، މީހުންގެ އިތުބާރު ލިބިފައިވާ ތަޢުލީމުދޭ ތަނަކަށް ރާއްޖެ ވެގެންދިއުމަކީ މި ސަރުކާރުގެ ހުވަފެނެއް. ހަމައެއާއެކު ޒަމާނީ ވަޞީލަތްތަކުގެ ބޭނުން ހިފައިގެން ކުދިންގެ ކިޔެވުން ތަރުތީބުކޮށް. ސްކޫލްތައް އިންޓަރނެޓްގެ ވިއުގައިން ގުޅާލައި، ފަސޭހަކަމާއި އެކު ކަރުކިއުލަމް ތަންފީޒުކޮށް ފިލާވަޅުތައް ހިއްސާކޮށް، އެކަކު އަނެކަކަށް އެހީތެރިވާ ފަދަ އުނގެނުމުގެ މާހައުލެއް ޤާއިމްކުރުމަކީ މި ސަރުކާރުން ދެކެން ބޭނުންވާ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ. 

މި އެސެމްބްލީގައި ވާހަކަދައްކަވަމުން މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޢާއިޝަތު މުޙައްމަދު ޞޯލިޙު ވިދާޅުވީ، މަޖީދިއްޔާއަށް 90 އަހަރު ފުރޭއިރު އިތުރަށް ރަނގަޅުކުރަންޖެހޭ ގިނަކަންކަން ފާހަގަކުރެވޭ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14926926695944.jpg|މަޖީދިއްޔާ ސްކޫލްގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީގައި އެސްކޫލްގެ ޕްރިންސިޕަލް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"ކުރީގެ ތާރީޚުގައި މަޖީދިއްޔާ ސްކޫލަކީ އެންމެ ކުރިއަރާފައިވާ ދެ ސްކޫލްގެ ތެރެއިން އެއް ސްކޫލް. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނާއި އެކު ވާދަކުރުމަށް އެތައް ސްކޫލެއް މިވަނީ ކުރިމަތިލާފައި. އެހެންކަމުން އެހިސާބަށް އަލުން ދިއުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރަންޖެހޭ. އެންމެ ފަޚުރުވެރި ސްކޫލަކަށް މަޖީދިއްޔާ ހެދުމަށް ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ." ޕްރިންސިޕަލް ވިދާޅުވިއެވެ. 

މި އެސެމްބްލީގައި މަޖީދިއްޔާގެ އަހަރީ ދުވަހުގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ ހޯދި ދަރިވަރަށް ހަނދާނީ ފިލައެއް ދީފައިވެއެވެ. އެ މުބާރާތުން އެއްވަނަ ހާޞިލްކުރީ، އެ ސްކޫލްގެ ގްރޭޑް 10 އޭގެ ދަރިވަރު އަޙްމަދު އައިހަމްއެވެ.

މަޖީދިއްޔާ ސްކޫލަކީ، ސަރުކާރުގެ ފަރާތުން ރާއްޖޭގައި އެންމެ ފުރަތަމަ ބިނާކުރެއްވި ސްކޫލްއެވެ. އެ ސްކޫލް ހުޅުވުނީ، މީލާދީން ނަވާރަ ސަތޭކަ ހަތާވީސް ވަނަ އަހަރުއެވެ.